އެއް ދުވަސްތެރޭ އީރާނުން 20 "ޓެރަރިސްޓުން" ދަންޖައްސައިފި

ތެހެރާން (އޮގަސްޓް 4) - ހަތިޔާރުން ހަމަލާ ދިނުމުގެ ކުށުގައި ކުށްވެރިވެފައިވާ 20 "ޓެރަރިސްޓުން" އެއް ދުވަސްތެރޭ ދަންޖައްސާފައިވާ ކަމަށް އީރާނުން ބުނެފި އެވެ.


ރަސްމީ މީޑިއާ އިން ބުނީ އަންގާރަ ދުވަހު ދަންޖެއްސި 20 މީހުންނަކީ 2009 އިން 2011 އާ ދެމެދު އަންހެނުންނާއި ކުޑަ ކުދިން މެރުމުގެ ކުށް ސާބިތުވެފައިވާ ސުންނީ މުސްލިމުން ކަމަށެވެ. ޝިއައީންގެ އާބާދީ ބޮޑު އީރާނުން މިދިޔަ އަހަރު 977 މީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވެ އެވެ.

އެންމެ ފަހުން ދަންޖެއްސި މީހުންގެ ޝަރީއަތާ ގުޅޭ ގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އީރާނަށް ފާޑުކިޔައިފަ އެވެ. އަދި އެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އީރާނުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމާއަތެއް ކަމަށްވާ އިންޓަނޭޝަނަލް ކެމްޕޭން ފޯ ހިއުމަން ރައިޓްސް އިން ބުނީ ދަންޖެއްސި އެކަކު ކަމަށްވާ ޝަހުރާމް އަހުމަދީގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ގަދަބާރުން ކަންކަމަށް އެއްބަސްކުރުވައިގެން ކަމަށެވެ. އަދި ދަންޖެއްސުމުގެ ކުރިން އޭގެ ތެރޭން އެކެއްގެ އާއިލާއާ ވެސް ބައްދަލު ކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.

އީރާނުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު ޖާވަދު މަންތާރީ ވިދާޅުވީ ދަންޖެއްސި މީހުންނަކީ ތައުހީދު އަދި ޖިހާދީ ޖަމާއަތަށް ނިސްބަތްވާ ކުރުދީ އޭރިޔާތަކުގެ މީހުން ކަމަށެވެ.

އެމްނެސްޓީން މިދިޔަ އަހަރު ބުނެފައި ވަނީ އީރާނުގައި މަރުގެ އަދަބު ދޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ކޯޓުތަކުން ޝަރީއަތް ކުރިއަށް ގެންދަނީ އިންސާފުވެރިކޮށް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އީރާނަކީ މިދިޔަ އަހަރު ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް މަރުގެ އަދަބު ދިން ގައުމު ކަމަށް ވެސް ބުނެފައިވެ އެވެ. އެންމެ ގިނަ މީހުންނަށް މިދިޔަ އަހަރު މަރުގެ އަދަބު ދީފައި ވަނީ ޗައިނާގަ އެވެ. ސައުދީ އަރަބިއާ އިން މިދިޔަ އަހަރު މަރުގެ އަދަބު ދީފައި ވަނީ 158 މީހުންނަށެވެ. މި އަހަރުގެ މިހާތަނަށް ސައުދީގައި ވަނީ 100 މީހުންނަށް މަރުގެ އަދަބު ދީފަ އެވެ.