ޓްރަމްޕް މަސައްކަތް ކުރައްވަނީ އީރާނުގެ ސަރުކާރު ވައްޓާލަން: ރޫހާނީ

ނިއު ޔޯކް (ސެޕްޓެމްބަރު 26) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަނީ އީރާނުގެ ވެރިކަން ވައްޓާލަން ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.


"މަޝްވަރާ އަށް އެމެރިކާ އިން ދައުވަތު ދޭ ގައުމުގެ ސަރުކާރު ވައްޓާލަން އެ ގައުމުން ކުރާ މަސައްކަތަކީ ސިއްރެއް ނޫން،" އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަމުން ރޫހާނީ ރޭ ވިދާޅުވި އެވެ. "މަޝްވަރާ ފެށުމަކީ ފޮޓޯ އިވެންޓަކަށް ވެގެން ނުވާނެ. ދެ ފަރާތުން އަނެއް ފަރާތުގެ އަޑު އަހަންވާނެ."

ޖެނެރަލް އެސެމްބްލީގެ ޕޯޑިއަމަށް ރޫހާނީ ވަޑައިގެންނެވީ ޓްރަމްޕް ތަގްރީރު ކުރެއްވިތާ ފަސް ގަޑިއިރު ފަހުންނެވެ. ޓްރަމްޕް ވަނީ އީރާނުގެ ވެރިން ނަފްރަތުގެ އޮށް އިންދަމުންދާ ކަމަށް ވިދާޅުވެ ބައިނަލްއަގުވާމީ މުޖްތަމައުން އެ ގައުމު އެކަހެރި ކުރުމަށް ގޮވާލައްވައިފަ އެވެ. ޓްރަމްޕުގެ ތަގްރީރުގައި ވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން އަނެއްކާ ވެސް ދިފާއު ކުރައްވައިފަ އެވެ.

ރޫހާނީ ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމުން ގަވާއިދާ ޚިލާފަށް އެމެރިކާ ވަކިވުން ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިނުގަތުމުން އުފާ ކުރައްވާ ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އެ ގައުމާ އެކު ވިޔަފާރީގެ ގުޅުންތައް ކުރިއަށް ގެންދިއުމަށް ޕޭމަންޓް ސިސްޓަމެއް ގާއިމް ކުރުމަށް ފްރާންސް، ޖަރުމަން، އިނގިރޭސި ވިލާތް، ޗައިނާ އަދި ރަޝިޔާ އިން ވަނީ ނިއު ޔޯކްގައި އެއްބަސްވެފަ އެވެ.

ޖެނެރަލް އެސެމްބްލީގެ ތެރޭގައި ބައްދަލު ކުރުމަށް ޓްރަމްޕް އާއި ރޫހާނީ ވެސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.