އީރާނާ ހަނގުރާމަ ކުރަން ޓްރަމްޕް ބޭނުމެއް ނުވޭ

ވޮޝިންޓަން (މެއި 18) - އީރާނާ އެކު ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް އެމެރިކާ އިން ވަނީ ހަނގުރާމަތީ މަނަވަރާއި ބަރު ހަތިޔާރު ގަލްފަށް ފޮނުވަން ފަށައިފަ އެވެ. އަދި އިރާގުގައި ތިބީ ހުރިހާ ޑިޕްލޮމެޓިކް ސްޓާފުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ މިއީ އީރާނުގެ ފަރާތުން ކުރިމަތިކުރާ ބިރުތަކަށް އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތައް ކަމަށެވެ.

ގަލްފުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއާގެ ބޯޓުތަކަށް ދާދި ފަހުން ހަމަލާދީފައި ވަނީ އީރާނުން ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ.

ގަލްފުގައި ހިނގަމުންދާ ކަން ކަމަށް ބަލައި، އެމެރިކާ އިން ދަނީ އީރާނާއާ އެކު ހަނގުރާމައަކަށް ތައްޔާރުވަމުންތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ "އެ ގޮތަށް ނޫން" ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރަޝިޔާގައި މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ އީރާނާ އެކު ހަނގުރާމައެއް ފަށަން އީރާނުން ނޫޅޭ ކަމަށެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވިދާޅުވެފައި ވަނީ އެމެރިކާއާ އެކު އީރާނުން ހަނގުރާމަ ނުކުރާނެ ކަމަށެވެ.

އީރާނުން ދާދި ފަހުން ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގައި އެ ގައުމުން އެއްބަސްވި ކަންކަން ސަސްޕެންޑް ކޮށްފަ އެވެ. އަދި ފައްކާކޮށްފައިވާ ޔުރޭނިއަމް އުފައްދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ހުކުރު ދުވަހު ވަނީ ނިއުކްލިއާ އެއްބަސްވުން ސަލާމަތް ކުރުމަށް ޗައިނާ އާއި ރަޝިޔާ އަށް ގޮވާލައްވައިފަ އެވެ.