ނިއު ޔޯކް (ސެޕްޓެމްބަރު 27) - އީރާނުގައި މިހާރު އޮތް ސަރުކާރު ބަދަލު ކުރަން ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރާއި އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ސަފީރު ގޮވާލައިފި އެވެ.

ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގެ ތެރޭގައި ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ އީރާނުގައި މިހާރު ތިބި ވެރިން އެ މީހުން އަމިއްލަ އަށް ވެރިކަން ދޫނުކުރާނެ ކަމަށާއި އެހެންވެ އެއީ ބަދަލު ކުރަން ޖެހޭ ވެރިކަމެއް ކަމަށެވެ.

"އީރާނުގެ އެތެރޭން ވަރަށް ބޮޑު ޕްރެޝަރެއް އައިސްގެން ނޫނީ އެ ގައުމުގައި އޮތް ވެރިކަން ބަދަލުވާނެހެން ހިޔެއް ނުވޭ،" ޔުނައިޓެޑް އެގެއިންސްޓް ނިއުކްލިއާ އީރާން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެފައިވާތީ ސައުދީ އާއި ޔޫއޭއީ އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ޔޫއޭއީ ސަފީރު ޔޫސުފް އަލް އުސައިބާ ވިދާޅުވީ އީރާނުގެ ވެރިކަން ބަދަލު ކުރަން ބޭރުގެ ޕްރެޝަރު ވެސް މުހިންމު ކަމަށެވެ.