ސުނާމީގައި ބޮޑު ގެއްލުމެއް ލިބުނީ އިންޒާރު ދޭ ނިޒާމް ފެއިލްވުމުން

ޖަކާޓާ (އޮކްޓޯބަރު 1) - އިންޑޮނީޝިއާގެ ޕާލޫ ސިޓީ އަށް އައި ބިންހެލުމަށް ފަހު އެރި ސުނާމީގެ ގެއްލުން ބޮޑުވީ އިންޒާރު ދޭ ނިޒާމްތައް ފެއިލްވުމުން ކަމަށް އޮފިޝަލުން ބުނެފި އެވެ.


ރިކްޓާ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ބިންހެލުމަށް ފަހު ސުނާމީގެ އިންޒާރު ނެރުނެވެ. ނަމަވެސް 34 މިނިޓް ތެރޭ ވަނީ އެ އިންޒާރު ކެންސަލްކޮށްފަ އެވެ. އެ އިންޒާރު ކެންސަލްކޮށްފައި ވަނިކޮށް ވަނީ ބޮޑު ރާޅު އަރައި އެތައް ގެއްލުމެއް ލިބިފަ އެވެ. ބިންހެލުމުގައި ވަނީ 832 މީހުން މަރުވެފަ އެވެ. ގިނަ މީހުން މަރުވީ ސުނާމީގަ އެވެ.

ސުނާމީ އިންޒާރު އެހާ އަވަހަށް އުވާލުމުން އިންޑޮނީޝިއާގެ ޖިއޯފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެކަމަކު އެ އެޖެންސީން ބުނެފައި ވަނީ ސުނާމީ އިންޒާރު ކެންސަލްކުރީ އެންމެ ކައިރީގައިވާ ޓައިޑަލް ސެންސާ އިން ލިބުނު މައުލޫމާތަށް ބަލާފައި ކަމަށެވެ.

ސުނާމީ ވޯނިން ސިސްޓަމްތައް މަސައްކަތް ނުކުރާ ކަމަށް އިންޑޮނީޝިއާގެ ޖިއޯފިޒިކްސް އެޖެންސީން ވެސް ވަނީ އެއްބަސްވެފައި. --ފޮޓޯ:އޭއެފްޕީ

ބީއެމްކޭޖީގެ ސުނާމީ ސެންޓަރުގެ ޑިރެކްޓަރު ރަހުމަތު ޓްރިޔޮނޯ ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ބަލާ ޓައިޑް ގޭޖުން ރެކޯޑް ކުރެވިފައި ވަނީ ހަ ސެންޓި މީޓަރު (2.5 އިންޗި) ގެ އުސްވުމެއް ކަމަށެވެ. އެކަމަކު ޕާލޫ އަށް ވަނީ ހަ މީޓަރު (ގާތްގަނޑަކަށް 20 ފޫޓު) ގެ ސުނާމީ އަރައިފަ އެވެ.

"ރަނގަޅު ޓައިޑް ގޭޖެއް ޕާލޫގައި ހުރި ނަމަ ސުނާމީގައި ލިބުނު ގެއްލުން ކުޑަކުރެވުނީސް،" އޭނާ ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ ބިންހެލުމަށް ފަހު ސުނާމީއެއް އަރައިފާނެ ކަމަށް އިންޒާރުދީ އެތައް ފަހަރަކު އެސްއެމްއެސް ފޮނުވި ކަމަށެވެ. ނަމަވެސް ބިންހެލުމުގައި ޕާލޫން ކަރަންޓް ކެނޑުމުން މުވާސަލާތީ ޚިދުމަތް ވެސް ކެނޑު ކަމަށް އޮފިޝަލުން ބުނެ އެވެ. އެހެންވެ އެއްވެސް އެސްއެމްއެސްއެއް ނުފޮނުވެ އެވެ. އަދި އައްސޭރީގެ އެއްވެސް ހިސާބެއްގައި ސުނާމީ ސައިރެންސް ވެސް އަޅައިފައެއް ނުވެ އެވެ.

ސުނާމީ އަރާތީ ސައިރެންސް ވެސް އަޅައިފައެއް ނުވޭ. --ފޮޓޯ:އޭއެފްޕީ

އިންޑޮނީޝިއާގެ ސުނާމީ އާލީ ވޯނިން ސިސްޓަމް ގާއިމްކޮށްފައި ވަނީ 170 ސިސްމިކް ބްރޯޑްބޭންޑް ސްޓޭޝަނާއި 238 އެކްސެލެރޮމީޓަ ސްޓޭޝަނާއި 137 ޓައިޑަލް ގޭޖުގެ މައްޗަށެވެ. އެކަމަކު ބީއެމްކޭޖީ އިން ބުނެފައި ވަނީ އެއީ ވަރަށް ލިމިޓެޑް ސިސްޓަމެއް ކަމަށެވެ. އަދި 170 ސެންސަރުގެ ތެރޭން މެއިންޓެނަންސަށް ބަޖެޓް ލިބިފައި ވަނީ 70 ސެންސާ އަށް ކަމަށް ބީއެމްކޭޖީ އިން ބުނެފައިވެ އެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ އަށް ފަހު އެމެރިކާ، ޖަރުމަން އަދި މެލޭޝިއާ ފަދަ ގައުމުތަކުން ވަނީ ކަނޑުއަޑީގެ ސެންސަރުތަކަކާ ގުޅާފައިވާ 21 ބޮއި ހަރުކޮށްފަ އެވެ. އެކަމަކު މިއިން އެއްވެސް ބޮޔެއް ވެސް މަސައްކަތް ކޮށްފައެއް ނުވެ އެވެ. ބައެއް އެއްޗެހި ހަލާކުވެފައިވާ އިރު އަނެއްބައި އެއްޗެހި ވަނީ ވަގަށް ނަގައިފަ އެވެ.