އިޒްރޭލް ބޮއިކޮޓްކުރި ދަރިވަރު ގައުމަށް އެތެރެވުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފި

ތެލް އަވީވް (އޮކްޓޯބަރު 19) - އިޒްރޭލް ބޮއިކޮޓް ކުރުމަށް ކެމްޕޭން ކުރަމުން ދިޔަ އެމެރިކާގެ ދަރިވަރު އިޒްރޭލަށް އެތެރެވިޔަ ނުދީ ހިފަހައްޓާފައި ވަނިކޮށް، އެ ގައުމަށް އެތެރެވުމުގެ ހުއްދަ އިޒްރޭލްގެ ސުޕްރީމް ކޯޓުން ދީފި އެވެ.


ލާރާ އަލްގާސިމް ފްލޮރިޑާ އިން ތެލް އަވީވަށް މި މަހު 2 ވަނަ ދުވަހު ދަތުރު ކުރީ ކިޔަވާ ކުދިންގެ ވިސާގަ އެވެ. ނަމަވެސް ތެލް އަވީވް އެއާޕޯޓުން އޭނާ ވަނީ ހިފަހައްޓައިފަ އެވެ. ލާރާގެ ވަކީލުން ވަނީ އޭނާ އިޒްރޭލަށް އެތެރެވުމުގެ ހުއްދަ ކޯޓު މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ލާރާގެ ވަކީލުން ބުނެ އެވެ. ނަމަވެސް އިޒްރޭލުގެ ދާޚިލީ ވަޒީރު ވިދާޅުވެފައި ވަނީ އެއީ ލަދުވެތި ނިންމުމެއް ކަމަށެވެ.

"އިޒްރޭލް ބޮއިކޮޓް ކުރަން ފާޅުގައި ގޮވާ ދަރިވަރަކު އިޒްރޭލަށް ވަނުމުގެ ހުއްދަ ދިނުމަކީ ބޮޑު ލަދުވެތި ކަމެއް،" ދާޚިލީ ވަޒީރު ވިދާޅުވި އެވެ.

އިޒްރޭލުން ބުނެފައި ވަނީ ލާރާ އެ ގައުމަށް އެތެރެވުން މަނާ ކުރީ 2017 ވަނަ އަހަރުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެ ގާނޫނުގައި ބުނެފައި ވަނީ ފަލަސްތީނާ މެދު އިޒްރޭލުން ކަންތައް ކުރާ ގޮތާ މެދު ނުރުހިގެން އިޒްރޭލް ބޮއިކޮޓް ކުރަން ގޮވާ ބިދޭސީން އެ ގައުމަށް ވަނަނުދީ ހިފެހެއްޓޭނެ ކަމަށެވެ.

އިޒްރޭލުން ބުނެފައި ވަނީ ފްލޮރިޑާގައި ލާރާ ކިޔަވަމުން ދިޔައީ ފަލަސްތީނަށް ސަޕޯޓް ކުރާ ޔުނިވާސިޓީއަކުން ކަމަށެވެ. ނަމަވެސް ލާރާގެ ވަކީލުން ބުނެފައި ވަނީ އިޒްރޭލް ބޮއިކޮޓް ކުރުމުގެ އެއްވެސް ކަމެއްގައި ލާރާ ބައިވެރި ނުވާ ކަމަށާއި އޭނާ އިޒްރޭލަށް ދިޔައީ ކިޔަވަން ކަމަށެވެ.

އުމުރުން 22 އަހަރުގެ ފަލަސްތީން ދަރިކޮޅުގެ ދަރިވަރަށް ވަނީ ގުދުސްގެ ހިބްރޫ ޔުނިވާސިޓީން ޖާގަ ލިބިފަ އެވެ. އަދި އޭނާ ވަނީ އިޒްރޭލުގެ ވިސާ ވެސް ހޯދައިފަ އެވެ.

އިޒްރޭލުގެ ދަށު ކޯޓުތަކުން ވަނީ ލާރާ ހިފެހެއްޓި މައްސަލަ އަށް ތާއިދުކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައި ވަނީ ލާރާގެ ވިސާ ކެންސަލްކޮށް އޭނާ ޑިޕޯޓްކޮށްލުމަކީ އިޒްރޭލް ބޮއިކޮޓް ކުރަން ގޮވާލައި ކެމްޕޭނާ ދެކޮޅަށް ކުރެވޭ ކަމަކަށް ނުވާނެ ކަމަށެވެ. އިޒްރޭލް ބޮއިކޮޓް ކުރުން މިދިޔަ އަހަރުގެ އެޕްރީލް މަހު ހުއްޓާލާފައިވާ ކަމަށް ލާރާ ބުނި ވާހަކަ ސުޕްރީމް ކޯޓުން ވަނީ ގަބޫލްކޮށްފަ އެވެ.