ހަތިޔާރު ވިއްކުން ހުއްޓުވައިފި ނަމަ ސައުދީއަށް ވުރެ ބޮޑަށް ގެއްލުންވާނީ އެމެރިކާއަށް: ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 21) - ނޫސްވެރިޔާގެ މަރުގެ މައްސަލާގައި ސައުދީއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ނަމަވެސް ސައުދީ އަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި ނަމަ އެ ގައުމަށް ވުރެ ބޮޑަށް ގެއްލުންވާނީ އެމެރިކާ އަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ސައުދީން ބުނެފައި ވަނީ އިސްތަންބޫލްގައި ހުންނަ ކޮންސިއުލޭޓަށް ދިޔަ ޖަމާލް ޚާޝުގްޖީ މަރުވީ އެ ތަނުގެ މުވައްޒަފުންނާ އެކު ހިންގި ތަޅާފޮޅުމަކަށް ފަހު ކަމަށެވެ. ތުރުކީން ވަނީ އެކަމާ ގުޅޭ ތަފްސީލްތައް ހާމަކުރާނެ ކަމަށް ބުނެފަ އެވެ.

ޓްރަމްޕް ވިދާޅުވީ ނޫސްވެރިޔާ މަރާގުޅޭ ސުވާލުތަކަށް "ޖަވާބު ނުލިބެނީސް ހިތްހަމަނުޖެހޭ" ކަމަށެވެ. އަދި ނޫސްވެރިޔާ މަރާލުމާ ގުޅޭ މައުލޫމާތު ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ނުލިބި އޮތުމަކީ ވެދާނެ ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ކޮންސިއުލޭޓުގައި ނޫސްވެރިޔާ މަރާލި ކަމަށް ތުރުކީން ކުރިން ބުނި ނަމަވެސް އެކަމުގެ ޒިންމާ ރަސްމީކޮށް ސައުދީގެ ބޮލުގައި އަޅުވައިފައެއް ނުވެ އެވެ. ތުރުކީ ފުލުހުން ވަނީ ކޮންސިއުލޭޓާއި ކޮންސުލްގެ ގެ ބަލައި ފާސްކޮށްފަ އެވެ.

ސައުދީން ބުނެފައި ވަނީ ނޫސްވެެރިޔާގެ މަރާ ގުޅިގެން 18 މީހަކު ހައްޔަރުކޮށް ސީނިއާ ދެ މީހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.