ލަންކާ ޕާލަމެންޓުގެ ޖަލްސާތައް ފަށަން އެމެރިކާ އިން ގޮވާލައިފި

ވޮޝިންޓަން (އޮކްޓޯބަރު 29) - ޕާލަމެންޓުގެ ޖަލްސާތައް ވަގުތުން ފެށޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސެމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް އެމެރިކާ ސަރުކާރުން ގޮވާލައިފި އެވެ.


"ހަމަނުޖެހުމަށް މަގުފަހިވާނެ އެއްވެސް ކަމެއް ނުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ގޮވާލަން،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ހީތާ ނައުއާޓް ވިދާޅުވި އެވެ. "ޕާލަމެންޓުގެ ރައީސްއާ މަޝްވަރާ ކުރުމަށް ފަހު ވީހާ ވެސް އަވަހަކަށް ޖަލްސާތައް ފެށުމަށް ރައީސް ސިރިސޭނާ އަށް ގޮވާލަން. އަދި ރައްޔިތުންގެ މަންދޫބުންގެ ވާޖިބު އަަދާކުރުމަށް ފުރުސަތު ދިނުމަށް ގޮވާލަން."

ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުމަށް ފަހު އެ މަގާމަށް ސިރިސޭނާ ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހުކުރު ދުވަހުގެ ރޭ ހަމަޖައްސައިފަ އެވެ. ނަމަވެސް ރަނިލް ގެންދަވަނީ މަގާމު ދޫކުރުމަށް ދެކޮޅު ހައްދަވަމުންނެވެ. ރަނިލް ވިދާޅުވެފައި ވަނީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށެވެ.

ނަމަވެސް ސިރިސޭނާ ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ހުއްޓުވައިފަ އެވެ. ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވިދާޅުވެފައި ވަނީ ބޮޑު ވަޒީރު ކަމަށް އޭނާ ބަލައިގަންނަނީ ރަނިލް ކަމަށެވެ.