ސައުދީގެ އެހީގައި ބަންގްލަދޭޝްގައި ނަމޫނާ މިސްކިތްތަކެއް ހަދަނީ

ޑާކާ (ނޮވެމްބަރު 5) - ސައުދީ އަރަބިއާގެ އެހީގައި ބަންގްލަދޭޝްގައި ނަމޫނާ 560 މިސްކިތާއި އިސްލާމިކް ޔުނިވާސިޓީއެއް އިމާރާތް ކުރަން ނިންމާފައިވާ ކަމަށް ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެ އެވެ.


ދީނީ އިލްމުވެރިންނާ އެކު ޑާކާގައި ބޭއްވި ބައްދަލުވުމެއްގައި ހަސީނާ ވަނީ އިސްލާމް ދީނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ޕްރޮޕަގެންޑާއާ މެދު ދީނީ އިލްމުވެރިން ސަމާލުވެ ވިސްނުންތެރިކަމާ އެކު ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފަ އެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ސައިބާ ކްރައިމް ގާނޫނުތައް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

ތަޖްރިބާކާރުން ބުނަނީ ގިނަ އަދަދެއްގެ މިސްކިތާއި އިސްލާމިކް ޔުނިވާސިޓީއެއް އަޅާކަން ހަސީނާ އިއުލާން ކުރެއްވީ އަންނަ އަހަރު އޮންނަ އާއްމު އިންތިޚާބުގައި އިސްލާމީ ޕާޓީތަކުގެ ތާއީދު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.