ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރާ މީހުން ދޫކޮށްލާ، ނޫނީ ދައުވާ ކުރޭ: އެމްނެސްޓީ

ގުދުސް (އޮގަސްޓް 14) - އިޒްރޭލުގެ ޖަލުގައި ބަންޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ފަލަސްތީނުގެ ގައިދީ ބިލާލް ކާއިދު މިނިވަން ކުރުމަށް ނޫނީ އޭނާ ދުކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އިޒްރޭލް ސަރުކާރަށް ގޮވާލައިފި އެވެ.


"އިޒްރޭލުން ކާއިދު ދޫކޮށްލަން ޖެހޭ. ނޫނީ އޭނާގެ މައްޗަށް ހެކި ހުރި ނަމަ ދައުވާ ކުރޭ،" އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީ ބިލާލް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާތާ އިއްޔެ އަށް ވަނީ ދެމަސްވެފަ އެވެ. އޭނާގެ ސިއްހަތަށް ނުރައްކާވެދާނެ ކަމަށް ބެލެވުމުން މިހާރު ވަނީ ޖަލުން ނެރެގެން، ގެންގޮސް އިޒްރޭލުގެ ދެކުނުގެ ހޮސްޕިޓަލެއްގައި ބާއްވައިފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަލަސްތީނުގެ ޖަމާއަތަކުން ބުނީ ބިލާލް އެއްގޮތަކަށް ވެސް ކާއެއްޗެއް ނުކާ ކަމަށާއި އޭނާ ބޮނީ ހަމައެކަނި ފެން ކަމަށެވެ. ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިން ބުނީ ބިލާލް އަށް ސްޓްރޯކެއް ޖެހިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދީފައިވާ ކަމަށެވެ. ފަލަސްތީނުގެ އޮފިޝަލުން ބުނީ ބިލާލުގެ ކިޑްނީ މައްސަލަ ވެސް ޖެހިފައިވާ ކަމަށެވެ.

ބިލާލް ދޫކޮށްލާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ޖޫން މަހު 15 ގަ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ހިންގި ބައެއް ހަރަކާތްތަކާ ގުޅިގެން އުމުރުން މިހާރު 35 އަހަރުގެ ބިލާލް ވަނީ 14 އަހަރާއި ބައިގެ މުއްދަތަށް ޖަލަށްލައިފަ އެވެ. އޭނާގެ ހުކުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ބިލާލުގެ ޖަލު ހުކުމުގެ މުއްދަތު ހަމަވި ނަމަވެސް އިދާރީ ބަންދެއްގައި އޭނާ އިތުރަށް ބަހައްޓާނެ ކަމަށެވެ. އިދާރީ ބަންދުގައި ދައުވާ ކުރުމަކާ ނުލައި ހަ މަސް ދުވަހު ބަހައްޓަ އެވެ. ބިލާލް ނިސްބަތްވާ ފަލަސްތީނުގެ ޕޮލިއުލާ ފްރަންޓަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ބިލާލުގެ ހުކުމުގެ މުއްދަތު ހަމަވުމުން ވެސް އޭނާ ބަންދުކޮށްގެން ގެންގުޅޭ މައްސަލަ ވަނީ އިސްތިއުނާފްކޮށްފަ އެވެ. މި މައްސަލައިގެ އަޑު އެހުމެއް އިޒްރޭލުގެ ހައި ކޯޓުގައި ވަނީ އޮކްޓޯބަރު 5 ވަނަ ދުވަހަށް ތާވަލްކޮށްފަ އެވެ.

ދައުވާ ކުރުމަކީ ނުލައި އިޒްރޭލުން ގައިދީން ބަންދުކޮށްފައި ބައިތިއްބާތީ ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 7،500 މީހުން ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ތެރޭން 700 މީހުން ތިބީ އިދާރީ ބަންދުގަ އެވެ.