ފަލަސްތީނުގެ ގިނަ ބަޔަކު އިޒްރޭލުގެ ޖަލުތަކުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަނީ

ގުދުސް (ޖުލައި 24) - އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީންގެ ގިނަ ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.


ފަލަސްތީނު އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ ޖަލުގައި ބަންދުކޮށްފައި ހުރި ފަލަސްތީނުގެ ގައިދީ ބިލާލް ކައިދު އަށް ތާއިދު ކުރުމުގެ ގޮތުން 48 ގައިދީއަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާ ކަމަށެވެ. ބިލާލް ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރާތާ 39 ދުވަސްވެއްޖެ އެވެ. އަދި އިތުރު ދެ ގައިދީއަކު ވެސް ހައިހޫނުކަމުގެ ހަޅުތާލުކުރާތާ 20 ދުވަސްވެއްޖެ އެވެ.

ބިލާލް ދޫކޮށްލާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ މަހު 15 ގަ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ހިންގި ބައެއް ހަރަކާތްތަކާ ގުޅިގެން އުމުރުން މިހާރު 35 އަހަރުގެ ބިލާލް ވަނީ 14 އަހަރާއި ބައިގެ މުއްދަތަށް ޖަލަށްލައިފަ އެވެ. އޭނާގެ ހުކުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ބިލާލުގެ ޖަލު ހުކުމުގެ މުއްދަތު ހަމަވި ނަމަވެސް އިދާރީ ބަންދެއްގައި އޭނާ އިތުރަށް ބަހައްޓާނެ ކަމަށެވެ. އިދާރީ ބަންދުގައި ދައުވާ ކުރުމަކާ ނުލައި ހަ މަސް ދުވަހު ބަހައްޓަ އެވެ. ބިލާލް ނިސްބަތްވާ ފަލަސްތީނުގެ ޕޮލިއުލާ ފްރަންޓަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ފަލަސްތީނުގެ ގައިދީންގެ ކަންކަމާ ބެހޭ ކޮމިޝަނުގެ ރައީސް އީސާ ގައްރާޖު މިދިޔަ ހަފުތާގައި ވިދާޅުވީ ބިލާލުގެ ބަރުދަނުން 30 ކިލޯ ލުއިވެއްޖެ ކަމަށާއި އޭނާގެ ކިޑްނީ ފޭލްވުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

ދައުވާ ކުރުމަކީ ނުލައި އިޒްރޭލުން ގައިދީން ބަންދުކޮށްފައި ބައިތިއްބާތީ ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 7،500 މީހުން ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ތެރޭން 700 މީހުން ތިބީ އިދާރީ ބަންދުގަ އެވެ.