އިޒްރޭލުން ގާޒާ އަށް ވަރުގަދަ އަށް ވައިގެ ހަމަލާދީ ތިން މީހުން ޝަހީދުކޮށްލައިފި

ގާޒާ ސްޓްރިޕް (ނޮވެމްބަރު 13) - ގާޒާ ސްޓްރިޕަށް އިޒްރޭލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ގާޒާގެ މަޝްރަހު ހޫނުވެފައިވާ އިރު ގާޒާގެ އިދާރީ ހިންގުމާ ހަވާލުވެފައިވާ ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުގެ ޓީވީ ސްޓޭޝަން ހުންނަ އިމާރާތް އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އަލް-އަގްސާ ޓީވީ އަށް ދިން ހަމަލާގައި ފަލަސްތީނުގެ އެއްވެސް މީހަކު ޝަހީދުވި ކަމެއް ނޭނގެ އެވެ. އިޒްރޭލުން ވަނީ ގާޒާގެ 70 ތަނަކަށް ބޮން އަޅައިފަ އެވެ.

ހަމާސް އިން އިޒްރޭލުގެ އަމާޒުތަކަށް ރޮކެޓް ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ

ވައިގެ ހަމަލާތަކުގެ ކުރިން ގާޒާ އިން ވެސް ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާދީފަ އެވެ. ހަމާސްގެ ސަރަހައްދުތަކުން އިޒްރޭލަށް 300 ރޮކެޓް ފޮނުވާލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ ފަލަސްތީނުން ފޮނުާލި ގިނަ ރޮކެޓްތައް ވަނީ އަޔަން ޑޯމް ސިސްޓަމުން ހުރަސްއަޅާފައި ކަމަށެވެ.

ގާޒާގެ މަޝްރަހު ހޫނުވެ އިޒްރޭލަށް ރޮކެޓް ހަމަލާ އަމާޒުވާން ފަށާފައި ވަނީ ފަލަސްތީނުގެ ހަތް މީހަކު ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ހަމާސްގެ ހަތިޔާރު އެޅި ގޮފި، ގައްސާމް ގްރިގޭޑްސްގެ ކޮމާންޑަރަކު ވެސް ހިމެނެ އެވެ. އިޒްރޭލުން މިކަން ހިންގާފައި ވަނީ ކަވާ އޮޕަރޭޝަނެއްގެ ގޮތުގަ އެވެ.