އިޒްރޭލުން ހިސާރުކޮށްފައި އޮންނަތާ އެތައް އަހަރެއްވީ ގާޒާއަށް ބޮންއެޅުމުގެ ސަަބަބުން މަރުވި މީހުންގެ އަދަދު 60 އަށް ވުރެ މަތިވެއްޖެ އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރޭ ބުނީ އިޒްރޭލުން މެދުނުކެނޑި ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ރެއާ ހަަމައަށް، 65 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހަމާސްގެ އިސް އެެތައް ބަޔަކު ހިމެނޭ ކަމަށެވެ. ހަމާސް އަކީ ގާޒާގައި ވެރިކަން ކުރާ ޖަމާއަތެވެ. އެ ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން ޒަހަމް ވެސް ވި އެވެ. އިއްޔެ ދިން ހަމަލާތަކުގައި ގާޒާގެ ބޮޑެތި އެތައް އިމާރާތެއް ބިމާ ހަމަކޮށްލި އިރު ގާޒާގެ އެތަން މިތަނުން ބޯކޮށް ދުން އަރަމުންދާ ކަމަށް ވެސް ބުންޏެވެ.
މި ފަހުން ދުވަހަކު ނުދޭހާ ވަރުގަދަ ހަމަލާތަކެއް އިޒްރޭލުން ގާޒާއަށް ދެމުންދާއިރު ހަމާސް އިން ވެސް ދަނީ މެދުނުކެނޑި އިޒްރޭލަށް ރޮކެޓްހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި އިޒްރޭލުގެ ހަ މީހަކު މަރުވި އިރު އޭގެ ތެރޭގައި ސިފައިންގެ އެކަކު ހިމެނެ އެވެ.
ގާޒާއަށް ދޭ ހަމަލާތައް މިހާރަށް ވުރެ ވެސް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އިޒްރޭލު ސަރުކާރުން ވަނީ ދީފަ އެވެ. އަނެއްކޮޅުން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވިދާޅުވީ އިޒްރޭލާ ދެކޮޅަށް މިފަހަރު ފަށާފައިވާ ހަމަލާތައް ހުއްޓާލުމެއް ނެތް ކަމަށެވެ.
އިޒްރޭލުން މިފަހަރު ގާޒާއަށް ބޮން އަަޅަން ފެށީ، އިރުމަތީ ގުުދުސްގެ ގެތަކުން ފަލަސްތީނުމީހުން ބޭރުކޮށް ޔަހޫދީން ވެއްދުމަށް ކުރާ މަސައްކަތް ހުއްޓައިލުމަށް މުހުލަތެއް ދިނުމަށް ފަހު، އެ މުހުލަތު ހަމަވުމުން ހަމާސް އިން ހަމަލާދޭން ފެށުމުންނެވެ.
އިރުމަތީ ގުދުސްގެ ޝައިޚު ޖައްރާހުގެ ގެތަކުން ފަލަސްތީނުމީހުން ބޭރުކުރުމުގެ ޖަރީމާ ހިންގަން ފެށުމުން ފަލަސްތީނު މީހުން މުޒާހަރާކުރަން ފެށުމުން އިޒްރޭލުން ވަނީ ފަލަސްތީނު މީހުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަައް ހިންގައިފަ އެވެ. އެގޮތުން އިޒްރޭލު ސިފައިން ހަތިޔާރާ އެކު އަގުސާ މިސްކިތަށް ވަދެ ފަލަސްތީނު މީހުންނަށް ބޮޑެތި އަނިޔާތައް ދިނެވެ.
ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް އިޒްރޭލުން އިރުމަތީ ގުދުސްގަައި ހިންގާ ޖަރީމާތައް ހުއްޓުވަން ބައިނަލް އަގުވާމީ މުޖުތަމައުން މިހައިތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ހަމާސްއާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށް ބުނެ ގާޒާއަށް ކެނޑިނޭޅި ބޮން އަޅަމުންދާއިރު އެކަމަށް ވެސް ދުނިޔޭން އެއްވެސް ފިޔަަވަޅެއް ނާޅަ އެވެ.