އިޒްރޭލުން ހިސޯރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާ އަށް ރޭ ދިން ވައިގެ ހަމަލާތަކުގައި މަރުވި 28 މީހުންގެ ޖަނާޒާ ބާއްްވާ ނިމުމާ އެކު އިޒްރޭލުގެ ހަމަލާތައް މިއަދު ވަރުގަދަކޮށްފި އެވެ.

ފަލަސްތީނުގެ ސިއްހީ އިދާރާތުގެ ފަރާތުން ގާޒާގައި ތިއްބަވާ އޮފިޝަލުން މީޑިއާތަކަށް މިއަދު މައުލޫމާތު ދެއްވި ގޮތުގައި ޖަނާޒާތައް ނިމުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިޒްރޭލުން އަނެއްްކާ ވެސް ބޮންއަޅަން ފެށުމުން މިއަދު ވެސް ދެ މީހަކު މަރުވި ކަމަށެވެ. އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށީީ އިރުމަތީ ގުދުސްގައި މިދިޔަ ދެ ދުވަހު އިޒްރޭލުން ހިންގި ޖަރީމާތަކާ ގުޅުވައި، ހަމާސް ޖަމާއަތުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމުންނެވެ. އެކަމަކު ހަމާސް އިން ފޮނުވައިލި ރޮކެޓްތަކުގެ ސަބަބުން އިޒްރޭލުން މީހަކު މަރުވި ކަަމަކަށް އައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާ ދޭން ފެށީ އަލް އަގުސާ މިސްކިތުގައި އިޒްރޭލް ސިފަައިން ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓައިލުމަށް މުހުލަތެއް ދިނުމަށް ފަހު އެ މުހު،ލަތު ހަމަވުމުންނެވެ.

ރަމަޟާން މަހުގެ ފަހު ދުވަސްތަކުގައި އަގުސާ މިސްކިތުގައި އަޅުކަން ކުރަން ދިޔަ ފަލަސްތީނު މީހުންނަށް ހުރަސް އަޅައި، އިޒްރޭލް ސިފައިން ދަނީ ރަބަރު ވަޒަނާއި ކަރުނަގޭސް ފަދަ ހަތިޔާރުން މިސްކިތުގެ ތެރެއަށް ހަމަލާތައް ދެމުންނެވެ. މިދިޔަ ތިން ދުވަހު ވެސް އިޒްރޭލް ސިފައިން ވަނީ އެ ޖަރީމާތައް ކުރިއަށް ގެންގޮސްފަ އެވެ.

ރޭ އިޒްރޭލުގެ ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަ ކުދިންތަކަކަށް އަނިޔާވެފައި-- ފޮޓޯ؛ ޓައިމްސް އޮފް ގާޒާ
ރޭ އިޒްރޭލުގެ ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަ ކުދިންތަކަކަށް އަނިޔާވެފައި-- ފޮޓޯ؛ ޓައިމްސް އޮފް ގާޒާ

އަގްސާ މިސްކިތަށް ފަލަސްތީނު މީހުން ވަނަ ނުދީ ހަމަލާދޭން އިޒްރޭލުން ފެށީ އިރުމަތީ ގުދުސްގައިވާ ޝައިޚު ޖައްރާހު ނަމަކަށް ކިޔާ ސަަރަހައްދުގެ ބައެއް ގެތަކުން ފަލަސްތީނު މީހުން ނެރެ، އެތަންތަނަށް ޔަހޫދީން ވައްދަން އިޒްރޭލުން ކުރި މަސައްކަތަށް ހުރަސް އަޅައި އެކަމާ ދެކޮޅަށްް ފަލަސްތީނު މީހުން ތެދުވުމުންނެވެ.

އިޒްރޭލުން ގެންދަނީ ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް އިރުމަތީ ގުދުސުން ފަލަސްތީނުމީހުން ބޭރުކޮށް ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންނެވެ. މިފަހަރުގެ ހަަމަނުޖެހުންތައް ފެށުމުން އެކަމާ ބެހޭ ގޮތުން މަޝްވަރާކުރަން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް އިޒްރޭލާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނަން އެ މަޖިލީހުން ވަނީ ފަސްޖެހިފަ އެވެ.