ކްރޫޒްލައިނާ އަކުން ވެއްޓުނު އަންހެނަކު 38 ގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބެއިޖިން (އޮގަސްޓް 15) - ކްރޫޒް ޝިޕަކުން ކަނޑަށް ވެއްޓުނު ޗައިނާގެ އަންހެނަކު 38 ގަޑިއިރު ފަހުން މަސްވެރިންގެ ބަޔަކު ސަލާމަތްކޮށްފި އެވެ.


ޝެންހާއީ އަށް ނިސްބަތްވާ ފޭންގެ ނަންދީފައިވާ އެ އަންހެން މީހާ މޫދަށް ވެއްޓުނީ ބޯޓުގެ ހަތަރު ވަނަ ޑެކުން އެކްސިޑެންޓަކުން ކަމަށް ޗައިނާގެ މީޑިއާތަކުން ބުންޏެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ އޭނާ ވެއްޓުނީ މަންޒަރު ބަލަން ނުކުމެ އުޅެނިކޮށް ކަމަށްވެ އެވެ. މިއީ ގާތްގަނޑަކަށް ހަތް ބުރީގެ އިމާރާތެއްގެ އުސް މިނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 31 އަހަރުގެ އަންހެން މީހާ ސަލާމަތް ކުރިއިރު އޭނާ އަށް މާބޮޑެތި އަނިޔާތަކެއް ވެފައެއް ނުވެ އެވެ.

ރޯޔަލް ކެރީބިއަން ޝިޕަށް ފޭން އެރީ ފަސް ދުވަހުގެ ދަތުރަކަށެވެ. އޭނާ ދަތުރުކުރާ ގޮތަށް އޮތީ ޝެންހާއީ އިން ދެކުނު ކޮރެއާ އާއި ޖަޕާނަށެވެ. އޭނާ މޫދަށް ވެއްޓުނު ނަމަވެސް ކަނޑުގައި އެހާގިނައިރު އޮތީ އެއްވެސް އެއްޗެއްގެ އެހީއާ ވެސް ނުލަ އެވެ. ބައެއް ފަރާތަތްކުން ބުނަނީ ފޭން އަށް ކަނޑުގައި އެހާ ގިނައިރު އޮވެވުނީ އޭނާގެ ހަށިގަނޑު ވަރުގަދަވުމުން ކަމަށެވެ. އަދި ޔުނިވާސިޓީގައި އުޅުނު އިރު އޭނާ އަކީ ކުޅިވަރަށް ޚާއްސަ މީހެއް ކަމަށާއި އުމުރުން ފަސް އަހަރުން ފެށިގެން އޭނާ ފަތަން ދަސްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ފޭންގެ މަންމަ އާއި ބައްޕަ ވެސް އެ ކްރޫޒުގައި ތިބި ނަމަވެސް ފޭން ނެތްކަން އެ މީހުންނަށް އެނގުނީ އެތައް ގަޑިއިރެއް ފަހުންނެވެ.

ޗައިނާގެ މައިކްރޯ-ބްލޮގިން ސައިޓް ސިނާ ވެއިބޯގައި ބައެއް މީހުން ޚިޔާލުފާޅުކޮށްފައިވާ ގޮތުގައި 38 ގަޑިއިރު ވަންދެން ކަނޑުމަތީގައި ސަލާމަތުން އޮތުމަކީ މުއުޖިޒާތެއް ފަދަ ކަމެކެވެ. އެކަކު ބުނީ މިއީ ގަބޫލް ވެސް ނުކުރެވޭނެ ކަމެއް ކަމަށެވެ.

މި އަހަރު ކުރީކޮޅު ވަނީ ޓެކްސަސް އިން މެކްސިކޯ އަށް ދަތުރުކުރި ކްރޫޒް ޝިޕަކުން ވެސް އެމެރިކާގެ 33 އަހަރުގެ އަންހެނަކު ކަނޑަށް ވެއްޓިފަ އެވެ. އޭނާ ވެއްޓުނުކަން އެނގުނީ 10 ގަޑިއިރު ފަހުންނެވެ. އޭނާ އަދިވެސް ނުފެނެ އެވެ.