04 އެޕްރީލް 2023 - 12:56
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާ އިން ތަންފީޒު ކުރަމުން އައި ހަރުކަށި ފިޔަވަޅުތައް އުވާލައި އެ ގައުމު ހުޅުވާލާފައިވާތީ، މިއަހަރުގެ ތެރޭގައި އޭޝިޔާގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް، އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ބުނެފި އެވެ.
އެ ބޭންކުން މިއަދު ޝާއިއުކުރި އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކްގައި ބުނެފައިވާ ގޮތުން، 2023 އަދި 2024 ވަނަ އަހަރުގެ ތެރޭގައި އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުގެ އިގްތިސާދު 4.8 ޕަސެންޓްގައި ކުރިއަރާނެ އެވެ. ހުސްވި 2022 ވަނަ އަހަރު މި ސަރަހައްދުގެ އިގްތިސާދު ކުރިއެރީ 4.2 ޕަސެންޓްގައި ކަމަށް ވިޔަސް، ޗައިނާ ހުޅުވައިލުމާ ގުޅިގެން، އޭޝިޔާ ޕެސިފިކް ސަރަހައްދުގައި މުދާ ބޭނުންކުރާ މިންވަރު އިތުރުވެ ޓޫރިޒަމާއި އިންވެސްޓްމެންޓްގެ ދާއިރާ ފުޅާވަމުން އަންނަ ކަމަށް ވެސް އައުޓްލުކްގައި ބުނެފައިވެ އެވެ.
އައުޓްލުކްގައި ބުނެފައިވާ ގޮތުން އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުގެ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، އާންމު ފަތުރުވެރިކަމަށާއި ވިޔަފާރީގެ ކަންކަމަށް ޗައިނާ ހުޅުވައިލުމެވެ. އެހެން ނަމަވެސް، މުޅި ދުނިޔޭގެ އިގްތިސާދަށް ނަޒަރު ހިންގާއިރު، ކުރިމަތިވާ ގޮންޖެހުންތަކަކާއި ނުރައްކާތަކެއް އަދިވެސް އެބަހުރި ކަމަށް އޭގައި ފާހަގަކޮށްފައިވެ އެވެ.
އޭޑީބީން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބައިނަލްއަގުވާމީ އިގްތިސާދަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ޔޫކްރޭން ހަނގުރާމަ އެވެ. އެ ނުރައްކަލަށް ވިސްނައިގެން ރައްކާތެރިކަމާ އެކު ފިޔަވަޅު ނާޅައިފި ނަމަ، އިގްތިސާދީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އޭޑީބީން ބުނެ އެވެ.
ގާތްގަނޑަކަށް ތިން އަހަރުގެ ފުރަބަންދަކަށް ފަހު، ބޯޑަރުތައް ހުޅުވައިލުމާ އެކު ޗައިނާގެ އިގްތިސާދަށް ވެސް ވަރަށް ބޮޑު ދިރުމެއް އަންނަން ފަށާފައިވެ އެވެ. މިއަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު ފަސް ޕަސެންޓްގައި ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ އިރު، ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު ކުރިއަރާނީ 4.5 ޕަސެންޓްގައި ކަމަށް އޭޑީބީން ލަފާކުރެ އެވެ.
ދެކުނު އޭޝިޔާ ސަރަހައްދަށް ބަލާއިރު އިންޑިއާގެ އިގްތިސާދަށް ވެސް މިއަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް އަންނާނެ ކަމަށް އޭޑީބީން ލަފާކުރެ އެވެ. އެ ގޮތުން އިންޑިއާގެ އިގްތިސާދު މިއަހަރުގެ ތެރޭގައި 6.4 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ އިރު، 2024 ވަނަ އަހަރުގެ ތެރޭގައި 6.7 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
މިދިޔަ އަހަރު 4.4 ޕަސެންޓްގައި ހުރި އިންޑިއާގެ އިންފްލޭޝަން ރޭޓް ވެސް، މިއަހަރުގެ ތެރޭގައި 4.2 ޕަސެންޓަށް ދަށްވެ، ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ތެރޭގައި 3.3 ޕަސެންޓަށް ދަށަށް ދާނެ ކަމަށް ވެސް އޭޑީބީން ލަފާކުރެ އެވެ.
ދެކުނު އިރުމަތީ އޭޝިޔާ އަށް ބަލާއިރު، އިންޑޮނީޝިޔާ، ފިލިޕީންސް އަދި ވިއެޓްނާމްގެ އިގްތިސާދަށް ވެސް މިއަހަރުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ. އެ ގައުމުތަކުގެ އިގްތިސާދު މިއަހަރުގެ ތެރޭގައި 4.7 ޕަސެންޓްގައި ކުރިއަށް ގޮސް، 2024 ވަނަ އަހަރުގެ ތެރޭގައި ފަސް ޕަސެންޓްގައި ކުރިއަށް ދާނެ ކަމަށް އޭޑީބީން އަންދާޒާ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy