20 ބިލިއަން ޑޮލަރުގެ ބަދަލުގައި އެމެރިކާ އިން ދިން ގެއްލުން މާބޮޑު: އިމްރާން ޚާން

އިސްލާމްއާބާދު (ނޮވެމްބަރު 20) - ޕާކިސްތާނަށް 20 ބިލިއަން ޑޮލަރުގެ އެހީ ދިން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އިރު އޭގެ ބަދަލުގައި ޕާކިސްތާނަށް 120 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.


ފޮކްސް ނިއުސް އަށް ޓްރަމްޕް ދެއްވި އިންޓަވިއުގައި ޕާކިސްތާނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަަކަށް ރައްދު ދެއްވައި އިމްރާން ޚާން ވިދާޅުވީ އެމެރިކާ އިން ފެށި ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި ހުރިހާ ގެއްލުމެއް ލިބުނީ ޕާކިސްތާނަށް ކަމަށެވެ.

"ސެޕްޓެމްބަރު 11 ގެ ހަމަލާގައި ޕާކިސްތާނުގެ އެކަކު ވެސް ބައިވެރިއެއް ނުވޭ. އެކަމަކު ވެސް އެމެރިކާ އިން ފެށި ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި ޕާކިސތާނުން ވަނީ ބައިވެރިވެފައި. އެ ހަނގުރާމައިގައި ޕާކިސްތާނުން 75،000 މީހުން މަރުވި. ގައުމުގެ އިގްތިސާދަށް 123 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު. މިއީ އެމެރިކާ އިން އެ ބުނާ 20 ބިލިއަން ޑޮލަރުގެ އެހީގެ ބަދަލު ލިބުނު ގޮތް،" އިމްރާން ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ 10،000 ސިފައިންނަށް ޕާކިސްތާނުގެ މަގުތަކާއި ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

"އެމެރިކާ ފެއިލްވުމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވުމަށް ވުރެ ބޮޑަށް ނޭޓޯގެ 140،000 ސިފައިންނާއި އަފްޣާނިސްތާނުގެ 250،000 ސިފައިންގެ ލަޝްކަރަކާ އަދި އަފްޣާން ހަނގުރާމަ އަށް އެއް ޓްރިލިއަން ޑޮލަރު ހޭދަކުރި އިރު ކުރިއަށް ވުރެ ތާލިބާނުންގެ ބާރު މިހާރު ގަދަވި ސަބަބެއް ހޯދަން ޖެހޭ،" އިމްރާން ޚާން ވިދާޅުވި އެވެ.

ޓްރަމްޕުގެ އިންޓަވިއުގައި ވިދާޅުވީ އަސްކަރީ މަރުކަޒަކާ ޖެހިގެން ހުރި އިމާރާތެއްގައި ބިން ލާދިން ދިރިއުޅެމުން ދިޔަކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.

"ޕާކިސްތާނަށް އަހަރަކު 1.3 ބިލިއަން ޑޮލަރު ދިނިން. އެކަމަކު ބިން ލާދިން އުޅުނީ ޕާކިސްތާނުގައި. ދެން ޕާކިސްތާނަށް ފައިސާ އަށް ނުދޭނަން. އެ މީހުންގެ ފަރާތުން އެމެރިކާ އަށް އެކައްޗެއް ވެސް ނުލިބޭ،" ޓްރަމްޕް ވިދާޅުވި އެވެ.