އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭނުންވެގެން އެމެރިކާއިން ދިން މެސެޖުތަކެއް އެކުވެރި ބައެއް ގައުމުތަކުން ހިއްސާކޮށްފައިވާ ކަމަށާއި އެކަމަކު އެމެރިކާއާ އެކު އަދި ވާހަކަ ނުދެކެވޭ ކަމަށް އީރާނުން ބުނެފި އެވެ.
މިދިޔަ މަހުގެ 28 ގައި ފެށި ހަނގުރާމަ ހުއްޓާލުމާ ބެހޭ ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްކެވި ވާހަކަތާ ގުޅިގެން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ސޯޝަލް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ" ކަމަށެވެ.
"މިއީ މާލީ ބާޒާރުތަކާއި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާ އާއި އިޒްރޭލު ތާށިވެފައިވާ އަޑިގަނޑުން ސަލާމަތްވުމަށްޓަކައި ފަތުރާ ދޮގު ޚަބަރު،" އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ގާލިބާފް ވިދާޅުވި އެވެ.
އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ހިނގާފައި ނުވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވެސް ކުރިން ވިދާޅުވި އެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ 'އިރްނާ' އިން ބަޣާއީއާ ހަވާލާދީ ބުނީ "ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރުމަށް އެމެރިކާއިން އެދިފައިވާ އެދުމާ ގުޅޭގޮތުން އެކުވެރި ބައެއް ގައުމުތަކުގެ ފަރާތުން މެސެޖުތަކެއް ލިބިފައިވާ" ކަމަށެވެ.
ބެލެވިފައިވާ ގޮތުގައި މިކަމުގައި މިސްރާއި ގަތަރު އަދި ޕާކިސްތާނުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މިރޭ ވަނީ އީރާންގެ ރައީސް މަހްމޫދު ޕެޒެސްކިއަންއާ ފޯނުން ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެފަ އެވެ. ހަނގުރާމައިގެ ސަބަބުން ގަލްފް ސަރަހައްދު ވެއްޓިފައިވާ ހާލަތުން އަރައިގަތުމަށް މަސްރަހު ފިނިކޮށް، ޑިޕްލޮމެޓިކް މަސައްކަތް ފެށުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް ޕާކިސްތާނުގެ ރައީސްއާ މަޝްވަރާކުރެއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފްގެ ޕޯސްޓަށް ފަހު މާގިނައިރުތަކެއް ނުވެ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިސްހާގް ދާރު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީއާ ވަކިން ބައްދަލުކުރައްވައި "ސަރަހައްދުގެ ފަހުގެ ހާލަތާ" ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
އީރާނުން ބުނަމުން އަންނަނީ އެމެރިކާއާ އެކު މަޝްވަރާކުރި ކޮންމެ ފަހަރަކު ހަމަލާދީފައިވާ ކަމަށާއި އެހެންވެ ދެން އިތުރަށް އެމެރިކާއާ އެކު ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް ޓްރަމްޕު ވިދާޅުވީ އީރާންގައި ތިބި މުހިންމު ބޭފުޅުންތަކަކާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އީރާންގެ އާ ލީޑަރު މުޖްތަބާ ޚާމަނާއީ މީހެއް ކަމަށް ނުބަލާ ކަމަށާއި ހަމަލާތަކުގައި އޭނާއަށް ވީގޮތެއް ވެސް ނޭނގޭ ކަމަށެވެ.