މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ އެއްބަސްވުމެއްގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެމެރިކާ އާއި އީރާނުން ސޮއިކޮށްފާނެ ކަމަށް، މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ބައި އަދާކުރާ ޕާކިސްތާނުން މިއަދު ބުނެފި އެވެ.

ޕާކިސްތާނުން މިހެން ބުނެފައި ވާއިރު އެއްބަސްވުން ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ އެމެރިކާ އާއި އީރާނުން ވެސް އުންމީދީ ވާހަކަތަކެއް ވަނީ ދައްކައިފަ އެވެ.

މި އެއްބަސްވުމަށް މަގުފަހިވަމުންދާކަމުގެ ނިޝާންތައް ފެންނަން މިފެށީ، މަސްތަކެއް ވަންދެން ދުނިޔޭގެ އިގްތިސާދަށާއި މުޅި ސަރަހައްދަށް ނުތަނަވަސްކަން ކުރިމަތި ކުރުވި ހޮރްމުޒް ކަނޑުއޮޅީގައި އަނެއްކާވެސް އާ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.

އޭޕްރީލް 8 ގައި އިއުލާންކުރި، ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހު، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ހަފްތާތަކެއް ވަންދެން ކުރި މަޝްވަރާތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެ އެވެ. އަދި އެއްބަސްވުމަކާ ގާތްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ ނަމަވެސް، ބަހުގެ ހަމަލާތަކާ އެކު އެކަން ދިގުލަމުން ދިޔަ އެވެ.

"އަޅުގަނޑުމެން މިތިބީ މިއިން ދުވަހަކުވެސް ސުލްހައިގެ އެއްބަސްވުމަކާ ގާތްނުވާހާ ގާތުގައި،" ސުލްހައިގެ ވާހަކަތަކުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް 'އެކްސް' ގައި ލިޔުއްވާފައިވެ އެވެ.

"ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެއްބަސްވުން ފައިނަލްވާނެ ކަމަށް ބެލެވޭތީ، އޭގެ ފަހުން ވަގުތުން އިލެކްޓްރޯނިކްކޮށް ސޮއިކުރުމަށް ޕާކިސްތާނުން ދަނީ ތައްޔާރުވަމުން. އަދި އަންނަ ހަފްތާގައި ފަންނީ ފެންވަރުގެ މަޝްވަރާތައް ފެށޭނެ."

ނަމަވެސް، ސޮއިކުރުމުގެ ރަސްމީ ތާވަލެއް އަދިވެސް ހާމައެއް ނުކުރެ އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުނީ ސޮއިކުރުން އޮންނާނީ އާދިއްތަ ދުވަހު ކަމަށެވެ. އެކަމަކު އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމާއިލް ބަގާއީ ހޮނިހިރު ދުވަހު ވިދާޅުވީ އެކަން އަދި ވަކިގޮތަކަށް ނިންމާފައިނުވާ ކަމަށާއި "މާދަމާ އެކަން ނުހިނގާނެ" ކަމަށެވެ. ނަމަވެސް، "ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ވުމުގެ ފުރުސަތު އެއްކޮށް ދޫކޮށްނުލެވޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވެސް ހުކުރު ދުވަހު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއިކުރެވިދާނެ ކަމަށެވެ. އަދި އެމެރިކާގެ އިސް އޮފިޝަލަކު ވަނީ އެއްބަސްވުމަކަށް އާދެވުމުގެ ޔަގީންކަން 80 އާއި 85 ޕަސެންޓާ ދެމެދުގައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، ދެ ފަރާތުންވެސް ދަނީ އެއްބަސްވުމުގެ ބައިތަކާ ބެހޭގޮތުން އެކި ގޮތަށް ވާހަކަ ދައްކަމުންނެވެ. އެއީ ހަނގުރާމައިން ކުރި ހޯދީ އެ ފަރާތަކުންކަން ދެއްކުމުގެ ބޭނުމުގަ އެވެ.

އެއްބަސްވުމުގެ އުންމީދު ބޮޑުވެފައި ވާއިރު މިއަދު ހެނދުނު އެމެރިކާއިން ބުނި ގޮތުގައި، ހޮރްމުޒް ކަނޑުއޮޅި މަތިން ދަތުރުކުރަމުންދިޔަ އީރާނުގެ ގިނަ އަދަދެއްގެ ޑްރޯންތަކެއް އެމެރިކާއިން ވަނީ ވައްޓާލައިފަ އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން 'އެކްސް' ގައި ބުނި ގޮތުގައި، އީރާނުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުމަށް ޑްރޯންތަކެއް ފޮނުވައިފަ އެވެ. އަދި ފާއިތުވި ގަޑިއިރުތަކުގައި އެމެރިކާގެ ބާރުތަކުން އެ ހުރިހާ ޑްރޯންތަކެއް ވައްޓާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.