އީރާނުގެ އޮފިޝަލުންނާ އެކު ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ޕާކިސްތާނަށް ދަތުރުނުކުރުމަށް އެމެރިކާގެ މަންދޫބުންނަށް އަންގަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް، މި ނިންމުމަކީ އަލުން ހަނގުރާމަ ފެށުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން އީރާނުން ވަނީ އެ ގައުމުގެ ވަފުދު އަލުން މިރޭ ޕާކިސްތާނުގައި ބައްދަލުވާނެ ކަމަށް ވެސް ބުނެފަ އެވެ.

ޓްރަމްޕް މިކަން އިއުލާނު ކުރެއްވީ ނޫސްވެރިންނަށް ވަކިވަކިން ފޯނުން ދެއްވި މައުލޫމާތުގަ އާއި އޭގެ ފަހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިކަން ހާމަކުރެއްވީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިސްލާމްއާބާދުން ފުރާވަޑައިގަތްތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އަދި ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ހޮނިހިރު ދުވަހު ޕާކިސްތާނަށް ފުރާވަޑައިގަތުމަށް ކުރިން އޮތީ ހަމަޖެހިފަ އެވެ.

"އީރާނު އޮފިޝަލުންނާ ބައްދަލުކުރުމަށް ޕާކިސްތާނުގެ އިސްލާމްއާބާދަށް ދާން އޮތް އަޅުގަނޑުގެ މަންދޫބުންގެ ދަތުރު މިހާރު ކެންސަލް ކޮށްފިން. ދަތުރުފަތުރަށް މާ ގިނަ ވަގުތު ބޭކާރުވޭ، މަސައްކަތް މާ ގިނަ!" ޓްރަމްޕްގެ 'ޓްރޫތް ސޯޝަލް' ޕްލެޓްފޯމުގައި ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ، އީރާނުގެ "ލީޑަރޝިޕް" ތެރޭގައި ބޮޑެތި ދެބަސްވުންތަކާއި އޮޅުންބޮޅުންތަކެއް އެބަހުރި ކަމަށާއި، ޒިންމާދާރުވެ ހުރީ ކާކުކަން އެމީހުންނަށް ވެސް ނޭނގޭ ކަމަށެވެ.

ނަމަވެސް، އިތުރު މަޝްވަރާތަކަށް ފުރުސަތު އޮތްކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން "ވާހަކަ ދައްކަން ބޭނުން ނަމަ، ކުރަންޖެހޭނެހާ ވެސް ކަމަކީ ގުޅާލުން" ކަމަށެވެ.

މަންދޫބުންގެ ދަތުރު ކެންސަލް ކުރުމަކީ އަލުން ހަނގުރާމަ ފެށުންތޯ 'އެކްސިއޯސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، "ނޫން، އޭގެ މާނައަކީ އެއެއް ނޫން. އަޅުގަނޑުމެން އަދި އެކަމާ މެދު ނުވިސްނަން" ކަމަށެވެ.

އެޕްރީލް 8 ގައި އީރާނާ އެކު އިއުލާނުކުރި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތު އެމެރިކާއިން މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފަ އެވެ.

ފްލޮރިޑާގެ ޕާމް ބީޗް އެއާޕޯޓުގައި ހުންނަވައި ވާހަކަ ޓްރަމްޕް ވިދާޅުވީ، އީރާނުން އެމެރިކާއަށް ހުށަހެޅި ކަންކަމަށްވުރެ ރަނގަޅު ހުށަހެޅުމެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ދަތުރު ކެންސަލް ކުރިތާ 10 މިނިޓު ތެރޭގައި މާ ރަނގަޅު އާ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ހުށަހެޅުމުގައި އޮތީ ކޮން ކަންތައްތަކެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން ދެއްކީ އެމީހުން އަތުގައި ނިއުކްލިއާ ހަތިޔާރު ހުރެގެން ނުވާނެ ވާހަކަ" ކަމަށެވެ. 

އީރާނުގެ ދައުލަތުގެ ޓީވީން ބުނެފައިވަނީ، އެމެރިކާގެ މަންދޫބުންނާ ސީދާ ބައްދަލުކުރުމުގެ ޕްލޭނެއް އީރާނުގެ މަންދޫބުންގެ ނެތް ކަމަށާއި، ޕާކިސްތާނުން އަދާކުރާނީ ހަމައެކަނި މެދުވެރިއެއްގެ ދައުރު ކަމަށެވެ. 

އީރާންގެ ފޮރިން މިނިސްޓަރު އަލުން ޕާކިސްތާނަށް

އީރާނުގެ ހުށަހެޅުމަށް ފަހު ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ، ހޮނިހިރު ޕާކިސްތާނުން ފުރާވަޑައިގަތީ އުމާނަށް ކަމަށާއި އެ ދަތުރަށް ފަހު އަލުން އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާ އިން ފަހުން ވަނީ ބުނެފަ އެވެ. 

އީރާނުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ 'އިރްނާ' ނިއުސް އެޖެންސީން ބުނީ، އަރަގްޗީ ހަމަޖައްސަވާފައި އޮތީ "އުމާން ދަތުރު ނިންމަވާލެއްވުމަށް ފަހު އަދި ރަޝިޔާއަށް ވަޑައިގަތުމުގެ ކުރިން، އަލުން ޕާކިސްތާނަށް ޒިޔާރަތް ކުރެއްވުން" ކަމަށެވެ.

އަރަގްޗީގެ ވަފުދުގެ ބައެއް ބޭފުޅުން މިހާރު އީރާނަށް އެނބުރި ވަޑައިގެންފައިވާ ކަމަށާއި، އެއީ ހަނގުރާމަ ނިންމުމާ ގުޅޭ ކަންކަމުގައި މަޝްވަރާކޮށް ބޭނުންވާ އިރުޝާދުތައް ހޯދަން ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

މި ބޭފުޅުން ވެސް އާދިއްތަ ދުވަހުގެ ރޭ އިސްލާމްއާބާދުގައި އަލުން އަރަގްޗީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވަނީ ބުނެފަ އެވެ. -- އޭއެފްޕީ