އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ޕާކިސްތާނަށް ކުރެއްވި ދަތުރު، އެމެރިކާގެ މަންދޫބުން ވަޑައިގަތުމުގެ ކުރިން މިއަދު ނިންމަވާލައްވައި ފުރާވަޑައިގެންފި އެވެ.

އަރަގްޗީ އިއްޔެ ޕާކިސްތާނަށް ވަޑައިގަތީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ މަޝްވަރާތަކާ ގުޅޭ ގޮތުންނެވެ. ނަމަވެސް އެމެރިކާ އާއި އީރާނުން އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި ދެ ގައުމުގެ އޮފިޝަލުން ސީދާ މަޝްވަރާތައް ކުރެއްވި ގޮތަށް ބައްދަލުވުމެއް ނޯންނާނެ ކަމަށް ކުރިން ވެސް އީރާނުން ބުނެފައިވެ އެވެ. 

ފޮރިން މިނިސްޓަރު އަރަގްޗީ ވަނީ ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރުގެ އިތުރުން، ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި ފޮރިން މިނިސްޓަރު އިސްހާގް ދާރްއާ މި ދަތުރުގައި ބައްދަލުކުރައްވައިފަ އެވެ.

އީރާނުގެ ބަޔާނެއްގައި ބުނީ، އަރަގްޗީ ވަނީ ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ. އަދި "ހަނގުރާމަ ހުއްޓާލުމާއި އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އެއްކޮށް ނިންމާލުމާ ގުޅޭގޮތުން އީރާނުން ގެންގުޅޭ އަސާސީ އުސޫލުތައް" ސާފުކޮށްދެއްވި ކަމަށް ބުންޏެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގް ދާރް ސޯޝަލް މީޑިއާގައި ވިދާޅުވީ، އީރާނުގެ ވަފުދާ އެކު ބޭއްވި ބައްދަލުވުން ދެ ގަޑިއިރަށް ދެމިގެންދިޔަ ކަމަށާއި، ޕާކިސްތާނުން ބާރުއެޅީ "މަޝްވަރާ އާއި ޑިޕްލޮމެސީގެ މުހިންމުކަމަށް" އިސްކުރަން ކަމަށެވެ.

ދުނިޔޭގެ ތެލާއި ގޭސް އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ މުހިންމުކަން ބޮޑުވެފައި ވާއިރު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ ސްޓީވް ވިޓްކޯފް އަދި ޖެރެޑް ކުޝްނާ މިއަދު ޕާކިސްތާނަށް ފުރާވަޑައިގަންނަވާނެ ކަމަށާއި އެއްބަސްވުމަކާ މެދު އުންމީދު އެބަ އޮތް ކަމަށެވެ.

"ރައީސް އެދިވަޑައިގެންނެވި ގޮތަށް އީރާނުން ވަނީ ގުޅައި، މި ބައްދަލުވުމަށް އެދިފައި،" ލީވިޓް ވިދާޅުވި އެވެ.

މި މަޝްވަރާތަކުގެ ސަބަބުން އެއްބަސްވުމަކާ ހަމައަށް ދިއުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ލީވިޓް ވިދާޅުވީ، މީގެ ދެ ހަފުތާ ކުރިން އިސްލާމްއާބާދުގައި ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވި ނައިބު ރައީސް ޖޭޑީ ވެންސް މިވަގުތު މި ދަތުރުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ބޭނުންވެއްޖެ ހިނދެއްގައި ޕާކިސްތާނަށް ވަޑައިގަތުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ.

އަރަގްޗީ ފުރާވަޑައިގަތުމުގެ ކުރިން އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، އޭނާ އެމެރިކާގެ މަންދޫބުންނާ ބައްދަލުކުރެއްވުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށާއި، ޕާކިސްތާނުން އަދާކުރާނީ އީރާނުގެ ހުށަހެޅުންތައް އެމެރިކާއަށް ފޯރުކޮށްދިނުމުގެ ދައުރު ކަމަށެވެ.

އީރާނުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އަރަގްޗީ ދެން ވަޑައިގަންނަވާނީ އޮމާން އަދި ރަޝިޔާއަށެވެ. -- އޭއެފްޕީ