ކޮލަމްބޯ (ނޮވެމްބަރު 29) - ލަންކާގެ މަދަނީ ހަނގުރާމައިގެ ދުވަސްވަރު 11 ކުޑަ ކުއްޖަކު މަރާލުމުގައި ތުހުމަތު ކުރެވޭ މީހާ އަށް ހިމާޔަތް ދިން ކަމަށް ބެލެވޭ ސިފައިންގެ ވެރިޔާ އެޑްމިރަލް ރަވިންދްރަ ވިޖެގުނަރަތުނަ އަމިއްލަ އަށް އިއްޔެ ކޯޓަށް ހާޒިރުވުމުން ހައްޔަރުކޮށްފި އެވެ.

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ވިޖެގުނަރަތުނަ ވަނީ ލަންކާ ހަނގުރާމައިގެ ފަހު ދުވަސްވަރު، 2009 ވަނަ އަހަރު 11 ކުދިން މެރުމުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވުނު ނޭވީ އިންޓަލިޖެންސް އޮފިސަރު ޗަންދަނާ ޕްރަސާދު ހެޓިއަރައްޗީ އަށް ހިމާޔަތް ދިނުމަށް އެހީވެފައިވާ ކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގެ ތަމަޅަ މެންބަރަކު 2006 ވަނަ އަހަރު އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފައިވާ ހެޓިއަރައްޗީ ވަނީ އޮގަސްޓް މަހު ހައްޔަރުކޮށްފަ އެވެ.

ލަންކާ ސިފައިންގެ ވެރިޔާ އެޑްމިރަލް ރަވިންދާ ވިޖެގުނަރަތުނަ (ކ) އިއްޔެ ކޯޓުގައި. --ފޮޓޯ:އޭއެފްޕީ
ލަންކާ ސިފައިންގެ ވެރިޔާ އެޑްމިރަލް ރަވިންދާ ވިޖެގުނަރަތުނަ (ކ) އިއްޔެ ކޯޓުގައި. --ފޮޓޯ:އޭއެފްޕީ

ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓުން ވަނީ ވިޖެގުނަރަތުނަ ޑިސެމްބަރު 5 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް އަންގައިފަ އެވެ. ވިޖެގުނަރަތުނަ ހައްޔަރު ކުރަން މި މަހު ކުރީކޮޅު ވަނީ ތިން ފަހަރެއްގެ މަތިން އަމުރު ނެރެފަ އެވެ. ނަމަވެސް އެއިން ވެސް އަމުރަކަށް ވިޖެގުނަރަތުނަ ބޯލަނބައިފައެއް ނުވެ އެވެ.

ވިޖެގުނަރަތުނަ އަކީ ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް ހައްޔަރު ކުރި ލަންކާ ސިފައިންގެ އެންމެ އިސް އޮފިސަރެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ވިޖެގުނަރަތުނަގެ ފަރާތުން ހުށަހެޅި ނަމަވެސް ކޯޓުން އެކަން ގަބޫލްކޮށްފައެއް ނުވެ އެވެ. ވިޖެގުނަރަތުނަ ކޯޓަށް ހާޒިރުވި މަންޒަރު ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިންންނަށް ވަނީ ހަމަލާދީފަ އެވެ.

ލަންކާ ސިފައިންގެ ވެރިޔާ އެޑްމިރަލް ރަވިންދާ ވިޖެގުނަރަތުނަ (މ) އިއްޔެ ކޯޓުގައި. --ފޮޓޯ:އޭއެފްޕީ
ލަންކާ ސިފައިންގެ ވެރިޔާ އެޑްމިރަލް ރަވިންދާ ވިޖެގުނަރަތުނަ (މ) އިއްޔެ ކޯޓުގައި. --ފޮޓޯ:އޭއެފްޕީ

"ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ދެކޮޅު ހަދަނީ މަގާމުގެ ހައިސިއްޔަތުން ތިޔައީ ހެއްކަށް ނުފޫޒް ފޯރުވޭނެ ފަރާތަކަށް ވާތީ،" ފަނޑިޔާރު ރަންގާ ޑަސަނަޔަކަ ވިދާޅުވި އެވެ.

ފުލުހުން ބުނެފައި ވަނީ ކުޑަކުދިން ވަގަށް ނަގާފައި ވަނީ 2008-2009 އާ ދެމެދު ކޮލަމްބޯ އިން ކަމަށެވެ. އެ ކުދިން ވަގަށް ނެގީ އާއިލާތަކަށް ޑިމާންޑްކޮށްގެން ފައިސާ ހޯދުމަށެވެ. އެ ކަމުގެ އަޑީގައި ތިބީ ނޭވީ އޮފިސަރުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ވަގަށް ނެގުމަށް ފަހު މެރި ކުދިންގެ ހަށިތައް ފެނިފައެއް ނުވެ އެވެ.