އެމްނެސްޓީއާ ދެކޮޅަށް އިންޑިއާ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި

ބެންގަލޫރު (އޮގަސްޓް 17) - ސަރުކާރާ ދެކޮޅު އަމަލެއް ހިންގަން އުޅުނު ކަމަށް ބުނެ އެމްނެސްޓީ އިންޑިއާއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.


ފުލުހުންނަށް ހުށަހެޅި މައްސަލާގައި ވަނީ އެމްނެސްޓީ އިންޑިއާ އިން ބޭއްވި އެއްވުމެއްގައި އިންޑިއާ ސަރުކާރާ ދެކޮޅު ބޯޑުތަކެއް ބޭނުންކޮށްފައިވާ ކަމަށެވެ. އެކަމަކު އެމްނެސްޓީން ބުނެފައި ވަނީ އެ ޖަމާއަތުން ހޮނިހިރު ދުވަހު ބެންގަލޫރުގައި ބޭއްވި އެއްވުމަކީ ކަޝްމީރުގައި ހިންގާ އިންސާނިއްޔާ ޚިލާފު އަމަލުތަކަށް އިންސާފު ހޯދުމަށް ބޭއްވި އެއްވުމެއް ކަމަށެވެ. ކަނާތު ފިޔައިގެ ކިޔަވާ ކުދިންގެ ޖަމާއަތަކުން ވަނީ އެމްނެސްޓީގެ އެއްވުން ބޭނުންކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށް ބުނެފަ އެވެ. އެހެންވެ އެ ޖަމާއަތުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ.

"ކިޔަވާ ކުދިންގެ ގްރޫޕެއް ކަމަށްވާ އޭބީވީޕީ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން އެމްނެސްޓީ އިންޑިއާއާ ދެކޮޅަށް ފުލުހުން ވަނީ މައްސަލަ ފައިލް ކޮށްފައި،" ފުލުހުންގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ޝަރަން ރެޑީ ވިދާޅުވި އެވެ. "އިވެންޓުގައި ބައިވެރިވި ވަކި ފަރުދުންގެ ނަމެއް ހާމައެއް ނުކުރާނަން. އެކަމަކު ތަހުގީގަށް ފަހު ފިޔަވަޅު އަޅާނަން."

ކަޝްމީރުގައި އެންމެ ފަހުން ހިންގަން ފެށި ހަމަނުޖެހުންތަކުގައި ވަނީ 60 މީހުން މަރުވެފައި.

އެމްނެސްޓީ އިންޓަނެޝަނަލް އިންޑިއާގެ އެގްޒެކެޓިވް ޑިރެކްޓަރު އާކަރު ޕަޓެލް ވިދާޅުވީ ގާނޫނު އަސާސީން ލިބިދެވޭ ހައްގެއް ދިފާއު ކުރަން ނުކުތުމުން ގައުމާ ދެކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބަލާ ޖިނާއީ ކުށަކަށް ހަދައިފި ކަމަށެވެ.

"ފުލުހުންނަށް ވަނީ އެ އިވެންޓަށް ދައުވަތު ދީފައި. އަދި އިވެންޓް ކުރިއަށް ދިޔަ އިރު ފުލުހުން ވެސް ތިބި. އެމްނެސްޓީ އިންޑިއާއާ ދެކޮޅަށް ދައުލަތާ އިދިކޮޅު އަމަލެއް ހިންގަން އުޅުނު ކަމަށް ބަލާ މައްސަލަ ޖެއްސުމަކީ އިންޑިއާގައި އޮންނަ މިނިވަންކަމުގެ އަސާސީ ހައްގު ގަބޫލް ނުކުރުން."

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެމްނެސްޓީގެ އެއްވުމުގައި ބައިވެރިވި ކަޝްމީރުގެ ކިޔަވާ ކުދިން ވަނީ އިންޑިއާއާ ދެކޮޅު ސްލޯގަންތައް ބޭނުންކޮށްފަ އެވެ.

ކަޝްމީރުގައި އެންމެ ފަހުން ހިނގަން ފެށި ހަމަނުޖެހުންތަކުގައި 60 މީހުން މަރުވެ 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.