ބެއިޖިން (އޮގަސްޓް 21) - ދުނިޔޭގެ އެންމެ ދިގު އަދި އެންމެ އުސް ބިއްލޫރި ބްރިޖް ޗައިނާގައި އާއްމުންނަށް ހުޅުވާލައިފި އެވެ.
ހުނާން ޕްރޮވިންސްގެ ދެ ފަރުބަދައިގެ މެދުގައި ހަދާފައިވާ 430 މީޓަރުގެ ދިގު ބްރިޖަށް ވަނީ 3.4 މިލިއަން ޑޮލަރު ޚަރަދުކޮށްފައި ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ. ބިމުން ފެށިގެން 300 މީޓަރު އުހުގައި ހަދާފައިވާ ބިއްލޫރި ބްރިޖުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ބްރިޖުގެ ތިރީގައި ވަނީ އެތެރެ ފެންނަ ތިން ފަށަލައިގެ ބިއްލޫރި ޖަހައިފަ އެވެ.
ހަ މީޓަރު ފުޅާ ބްރިޖް ޑިޒައިންކޮށްފައި ވަނީ އިޒްރޭލުގެ އާކިޓެކްޓެއް ކަމަށްވާ ހައިމް ދޯތަން އެވެ. އެ ބްރިޖުގެ އާކިޓެކްޗާ އާއި ބްރިޖުގެ މަސައްކަތަށް ބަލާއިރު މިހާރު ވެސް ވަނީ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ.
ބިއްލޫރި ބްރިޖަކީ ޗައިނާގައި ފޮޓޯ ނެގުމަށާއި އެނޫން ވެސް ކަންކަމަށް ވަރަށް ގިނަ މީހުން ގާތު މަގްބޫލް ތަންތަނެވެ. ޔޯގާގެ ބޮޑެތި އިވެންޓްތަކާއި ކައިވެނި ޕާޓީތައް ވެސް ވަނީ ބިއްލޫރި ބްރިޖްތަކުގައި ބާއްވައިފަ އެވެ.
ޗައިނާގެ ހުނާން ޕްރޮވިންސްގެ ބިއްލޫރު ބްރިޖް ރަސްމީކޮށް ހުޅުވަން ތައްޔާރުވާ އިރު އެންމެންގެ ހިތުގައި ވެސް އެންމެ ބޮޑަށް ސުވާލު އުފެދެނީ ބްރިޖުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އެވެ. ބްރިޖުގެ ރައްކާތެރިކަން އާއްމުންނަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން ކަމާބެހޭ އޮފިޝަލުން ވަނީ ވަރަށް ގިނަ ކަންކަން ކޮށްފަ އެވެ. މި އަހަރު ކުރީކޮޅު ވަނީ ބްރިޖުގެ ބިއްލޫރީގައި ބޮޑު މަރުތެލުން ތަޅާ އަދި މީހުން އަރާފައިވާ ކާރެއް ބްރިޖް މަތީގައި ދުއްވައިފަ އެވެ. ބްރިޖުގެ ބިއްލޫރީގައި މަރުތެލުން ތެޅުމަށް ބީބީސީގެ ރިޕޯޓަރަކަށް ވެސް ދައުވަތު ދީފައިވެ އެވެ. ކޮންމެ ދުވަހަކު ވެސް ބްރިޖަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދޭން ނިންމާފައި ވަނީ 8،000 މީހުންނަށެވެ.