ބެންކޮކުގައި ހުރި ސައުދީ އަންހެން ކުއްޖާ އދ.ގެ ބެލުމުގެ ދަށަށް

ބެންކޮކް (ޖެނުއަރީ 8) - އާއިލާ އަށް ފިލައިގެން ބެންކޮކަށް ދިޔަ ސައުދީ އަރަބިއާގެ 18 އަހަރުގެ އަންހެން ކުއްޖާއާ އެންމެ ފަހުން އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ހަވާލުވެއްޖެ އެވެ.


ރަހާފް މުހައްމަދު އަލް ގުނޫން އާއިލާއާ އެކު ކުވޭތުގައި އުޅުމަށް ފަހު މިދިޔަ ހަފުތާ ބަންދުގައި ބެންކޮކަށް ދިޔައީ ފިލައިގެންނެވެ. އޭނާ ބުނެފައިވާ ގޮތުގައި ބެންކޮކުގައި މަޑު ކުރީ އޮސްޓްރޭލިއާ އަށް ދިއުމަށެވެ. އަދި އޭނާ ނިންމާފައި ވަނީ އޮސްޓްރޭލިއާ އިން ހިމާޔަތް ހޯދައިދެން އެ ގައުމުގައި ދިރިއުޅޭށެވެ. ތައިލެންޑުގެ އިމިގްރޭޝަން އޮފިޝަލުން އޭނާ ފޮނުވާލަން އުޅުމުން ވަނީ އެއާޕޯޓުގެ ހޮޓަލުގެ ކޮޓަރިއެއްގައި އަމިއްލަ އަށް ބަންދުވެފަ އެވެ.

ރަހާފު ބުނެފައިވާ ގޮތުގައި އޭނާ އަލުން އާއިލާގެ ގާތަށް ފޮނުވާލައިފި ނަމަ އޭނާ މަރާލާނެ އެވެ. ސަބަބަކީ އޭނާ މިހާރު އިސްލާމް ދީން ދޫކޮށްލާފައިވާކަން އިއުލާންކޮށްފައިވާތީ އެވެ.

އާއިލާ އަށް ފިލައިގެން ބެންކޮކަށް ދިޔަ ސައުދީ އަންހެން ކުއްޖާ. --ފޮޓޯ:އޭއެފްޕީ

"އަހަރެންގެ އާއިލާ މީހުންނާއި ކުވޭތުގައި ހުންނަ ސައުދީ އެމްބަސީގެ ސްޓާފުން ތިބޭނީ އަހަރެންގެ އިންތިޒާރުގައި،" ރޮއިޓާސްއާ ވާހަކަ ދައްކަމުން ރަހާފު ބުންޏެވެ. "އަހަރެން ވަނީ ނުރައްކަލުގެ ތެރޭގައި."

ރަހާފުގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ވަނީ ބުނެފަ އެވެ. ތައިލެންޑުގެ އިމިގްރޭޝަން އޮފިޝަލުން ބުނެފައި ވަނީ ރަހާފުގެ ކަންކަން ދެން ބަލަހައްޓާނީ އދ.ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) އިން ކަމަށެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނެފައި ވަނީ ރަހާފުގެ މައްސަލަ ގާތުން ބަލަމުންދާ ކަމަށެވެ.

ތައިލެންޑުގެ ޗީފް އިމިގްރޭޝަން ޕޮލިސް ސުރަޗަޓް ހަކްޕާން ވިދާޅުވީ އެއާޕޯޓުގައި ރަހާފު ހުރުމުގެ ހުއްދަ ދީފައިވާ ކަމަށާއި އޭނާއާ މިހާރު ހަވާލުވެފައި ވަނީ ޔޫއެންއެޗްސީއާރު އިން ކަމަށެވެ. އޭނާ ކުރިން ވިދާޅުވެފައި ވަނީ ތައިލެންޑަށް ވެވުނު އެންމެ ރަނގަޅަކަށް ރަހާފު އަށް ކަންތައް ކޮށްދޭނެ ކަމަށާއި އެއްވެސް އެމްބަސީއަކަށް ރަހާފު ވަކި ތަނަކަށް ދިއުމަށް މަޖްބޫރު ނުކުރެވޭނެ ކަމަށެވެ.

"އެއްވެސް މީހަކު މަރާ ކުރިމަތިލާން ދާން ފޮނުވާ ނުލެވޭނެ،" ހަކްޕާން ވިދާޅުވި އެވެ.

ތައިލެންޑުގެ ޗީފް އިމިގްރޭޝަން ޕޮލިސް އޮފިސަރު ވާހަކަ ދައްކަވަނީ. --ފޮޓޯ:ރޮއިޓާސް

އޭނާ ވިދާޅުވީ ތައިލެންޑުގެ ނިންމުން ސާފުކޮށް ދިނުމަށް ސައުދީގެ ޑިޕްލޮމެޓުންނާ މިއަދު ބައްދަލު ކުރާނެ ކަމަށެވެ.

ތައިލެންޑަކީ އދ.ގެ ރެފިއުޖީ ކޮންވެންޝަންގައި ސޮއިކޮށްފައިވާ ގައުމެއް ނޫނެވެ. އަދި ހިމާޔަތް ހޯދާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ތައިލެންޑުން ނުދެ އެވެ. އެކަމަކު ތައިލެންޑުގައި ލައްކައެއްހާ ރެފިއުޖީން އުޅެ އެވެ.

ތައިލެންޑުން ކުރިން ބުނެފައި ވަނީ ރަހާފު އަތުގައި ސައްހަ ވިސާއެއް ނެތުމުން އޭނާ ޑިޕޯޓްކޮށްލާނެ ކަމަށެވެ. އެކަމަކު ރަހާފު ބުނެފައި ވަނީ އޭނާގެ އަތުގައި އޮސްޓްރޭލިއާ ވިސާ އެބައޮތް ކަމަށާއި ތައިލެންޑުގައި ޓްރާންސިޓް ކުރީ ކަމަށެވެ.

ސައުދީ އަންހެނަކު މިދިޔަ އަހަރު ވެސް ވަނީ ފިލައިގެން އޮސްޓްރޭލިއާ އަށް ދާން އުޅެނިކޮށް އަތުލައިގެންފަ އެވެ. އުމުރުން 24 އަހަރުގެ ދީނާ އަލީ ލަސްލޫމް ކުވޭތުން އޮސްޓްރޭލިއާ އަށް ދިއުމަށް ފިލިޕީންސްގައި ޓްރާންސިޓް ކުރުމުން އޭނާ ވަނީ މެނީލާ އެއާޕޯޓުން އަތުލައިގެންފަ އެވެ.