ހުއްދަ ނެތި މައްކާ އަށް ވަންނަން އުޅުނު 70،000 މީހުން ބޭރުކޮށްފި

މައްކާ (އޮގަސްޓް 22) - ހައްޖު ހުއްދަ ނެތި މައްކާ އަށް ވަންނަން އުޅުނު 70،000 އަށް ވުރެ ގިނަ މީހުން މިދިޔަ ހުކުރު ދުވަހާ ހަމައަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ރޯޑް ސެކިއުރިޓީ ފޯސަސް ކޮމާންޑުން ބުނެފި އެވެ.


ކޮމާންޑުން ބުނީ ހައްޖާޖީން އުފުލުމުގެ ހުއްދަ ނެތް ނެތް 28،000 ވެހިކަލް މައްކާ އަށް ވަންނަން އުޅެނިކޮށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި މިއިން ގިނަ ވެހިކަލްތަކުގައި މަދުވެގެން 25 މީހުން ތިބި ކަމަށް ވެސް ކޮމާންޑުން ބުނެފައިވެ އެވެ. ހައްޖަށް މީހުން އުފުލުމުގެ ހުއްދަ ނެތި ދަތުރުކުރާ ވެހިކަލްތަކާއި ޑްރައިވަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ކޮމާންޑުން ބުނެފައިވެ އެވެ.

ހައްޖު ސެކިއުރިޓީ ފޯސަސް ކޮމާންޑުން ބުނީ މައްކާ ޕްރޮވިންސްގައި ވެހިކަލްތައް ދުއްވުމުގެ އިންތިޒާމްތައ ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި ހުއްދަ ނެތި މައްކާ އަށް ވަންނަން އަންނަ އެންމެން އަނބުރާ ފޮނުވާލާނެ ކަމަށް ހައްޖު ސެކިއުރިޓީ ކޮމާންޑުން ބުނެ އެވެ. މީގެ އިތުރުން މައްކާ އަށް ވަންނަން އަންނަ ވެހިކަލްތަކުގެ ޑްރައިވަރުން ސަލާމަތީ އޮފިޝަލުންނަށް އެއްބާރުލުން ދިނުމަށް ވެސް ހައްޖު ސެކިއުރިޓީ ކޮމާންޑުން އިލްތިމާސް ކުރެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން މީހުން މިހާރު ވަނީ ސައުދީ އަރަބިއާ އަށް ދަތުރު ކުރަން ފަށައިފަ އެވެ. މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ވަނީ ހިތާމަވެރި ދެ ހާދިސާއެއް ހިނގައިފަ އެވެ. ގަދަ ވަޔާ އެކު ހަރަމްފުޅު ތެރެއަށް ބޮޑު ކްރޭނެއް ވެއްޓި 110 މީހުން މަރުވި އިރު މިނާގައި ފިތިގެން ވެސް ވަނީ ދެހާހަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.