ސައުދީ ރަސްގެފާނުގެ ޚަރަދުގައި 60 ގައުމުގެ 1،400 މީހުން ހައްޖަށް

ރިޔާޒް (ސެޕްޓެމްބަރު 5) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާންގެ ދައުވަތަށް މި އަހަރު ހައްޖަށް ދާ 60 ގައުމެއްގެ 1،400 މީހުންގެ ތެރޭން 645 މީހުން މިހާތަނަށް ސައުދީ އަށް ހިނގައްޖެ ކަމަށް ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.


ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ ރަސްގެފާނުގެ ޚަރަދުގައި ހައްޖަށްދާ މީހުންގެ ތެރޭން ބާކީ ތިބި މީހުން ސައުދީ އަށް ދާނީ ބުދަ ދުވަހު ކަމަށެވެ. ރަސްގެފާން ސަލްމާން ވަނީ ފަލަސްތީނުން ޝަހީދުވި މީހުންގެ އާއިލާތަކުން 1،000 މީހަކަށް ވެސް ހައްޖަށް ދިއުމަށް ދައުވަތު ދެއްވައިފަ އެވެ. ފަލަސްތީނު މީހުން ހައްޖަށް ދާނީ ވެސް ރަސްގެފާން ސަލްމާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގަ އެވެ.

ހައްޖުވެރިންގެ ބަޔަކު ގެފުޅުގެ ވަށައިގެން ޠަވާފް ކުރަނީ. --މިހާރު ފޮޓޯ: އަހްމަދު އަބްދުﷲ ސަައީދު

ދުނިޔޭގެ އެކި ގައުމުތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ހައްޖާއި އުމްރާ އަށް ގެންދިއުމަށް ރަސްގެފާން ސަލްމާން ވަނީ ޚާއްސަ ޕްރޮގްރާމެއް އެކުލަވާލައްވައިފަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ސުޕަވައިޒް ކުރަނީ ސައުދީގެ ހައްޖު މިނިސްޓްރީންނެވެ. މި ޕްރޮގްރާމް ފެށި ފަހުން މިހާތަނަށް ވަނީ ދުނިޔޭގެ އެކި ގައުމުތަކުން އެތައް ހާސް ބަޔަކު ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ހައްޖާއި އުމްރާގެ އަޅުކަން ފުރިހަމަކޮށްފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ވަނީ އެތައް ލައްކަ ބަޔަކު މައްކާ އަށް ޖަމާވެފަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ދެ މިލިއަނެއްހާ މީހުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ