ސިޔާސީ ކަންކަމާއި ހައްޖަކާ ނުގުޅުވޭނެ: ސައުދީ ރަސްގެފާން

މައްކާ (ސެޕްޓެމްބަރު 14) - ސިޔާސީ ކަންކަމާއި ހައްޖުގެ މަތިވެރި އަޅުކަމާ އެއްވެސް ގޮތަކުން ނުގުޅުވޭނެ ކަމަށް ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.


ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ ގައުމުތަކުން މި އަހަރު މައްކާ އަށް ދިޔަ އިއްޒަތްތެރިންނާ މިނާގައި ބައްދަލު ކުރައްވާ އުމުރުފުޅުން 80 އަހަރުގެ ސަލްމާން ދެއްވި ވަރަށް ކުރު ބަޔާނެއްގައި ވިދާޅުވީ ހައްޖުގެ އެއްވެސް ކަމެއް ސިޔާސީ ކުރުމަކީ ސައުދީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ހައްޖުވެރިންނަށް ޚިދުމަތް ކޮށްދިނުމަކީ ސައުދީ އަށް ލިބޭ ޝަރަފެއް ކަމަށް ވެސް ސަލްމާން ވަނީ ވިދާޅުވެފަ އެވެ.

ރަސްގެފާން މިހެން ވިދާޅުވި އިރު އީރާން މީހުންނަށް މި އަހަރު ހައްޖަށް ނުދެވުނު މައްސަލާގައި ދެ ގައުމުގެ މެދުގައި ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އީރާނުން ބުނެފައި ވަނީ އެ ގައުމުގެ ހައްޖުވެރިން އަޅުކަން އަދާކުރުމަށް ސައުދީން ގަސްދުގައި ހުރަސް އެޅީ ކަމަށެވެ.

އީރާނާއި ސައުދީގެ މެދުގައި އެއްބަސްވުމަކަށް ނާދެވި އީރާނުގެ ހައްޖީޖީންނަށް ވިސާ ނުދޭ ހިސާބަކަށް ދިޔައީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން 2،300 މީހުން މަރުވި ހާދިސާގައި ހައްޖުވެރިންގެ ސެކިއުރިޓީގެ މައްސަލާގައި ދެ ގައުމު އެއްގަލަކަށް ނޭރިގެންނެވެ. އީރާނުން ބުނެފައި ވަނީ ފިތިގެން މަރުވި މީހުންގެ ތެރޭގައި އެ ގައުމުގެ 464 މީހުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ޝިއައީންގެ އިސް މީހަކަށް ސައުދީން މި އަހަރު ކުރީކޮޅު މަރުގެ އަދަބު ދިނުމާއި ގުޅިގެން އީރާނުގެ ޝިއައީން ރުޅިގަދަވެ ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީގައި ވަނީ އަލިފާން ޖަހައިފަ އެވެ. މި މައްސަލައާ ގުޅިގެން ދެ ގައުމުގެ ސިޔާސީ ގުޅުން މި އަހަރު ކުރީކޮޅު ވަނީ ކަނޑާލައިފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ފެށެން ކައިރިވެފައި ވަނިކޮށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ގެފުޅު ބެލެހެއްޓުމުގެ ހައްގު ސައުދީ ޝާހީ އާއިލާ އަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ސައުދީން މީހުން މަރާފައިވާ ކަމަށް ވެސް ޚާމަނާއީ ވިދާޅުވި އެވެ. މީގެ އިތުރުން ސައުދީން ވަނީ ހައްޖު މުޅިން ސިޔާސީ ކަމަކަށް ހަދާފައި ކަމަށް ވެސް ރޫހީ ލީޑަރު ވިދާޅުވެފަ އެވެ. އީރާނުގެ ހައްޖު އޮގަނައިޒޭޝަނުގެ ވެރިޔާ ސައީދު އޮހާދީ ވިދާޅުވެފައި ވަނީ މައްކާ އާއި މަދީނާ އަކީ ސައުދީ އަރަބިއާގެ އަމިއްލަ މިލްކުގައިވާ ތަންތަން ނޫން ކަމަށާއި އަޅުކަމަށް ދާ ކޮންމެ މުސްލިކަމަށް ވެސް އެ ދެ ބިމަށް ދެވެން ޖެހޭނެ ކަމަށެވެ.

އީރާނުގެ ރޫހީ ލީޑަރުގެ އިންޒާރުތައް ދެއްވިތާ އެއް ދުވަސް ފަހުން ސައުދީ އަރަބިއާގެ ގްރޭންޑް މުފްތީ އަބްދުލް އަޒީޒް އާލް ޝެއިޚް ވިދާޅުވެފައި ވަނީ އީރާނުގައި އުޅެނީ މުސްލިމުން ނޫން ކަމަށާއި އެއީ އެއް ޒަމާނެއްގައި އީރާނުގައި އޮތް ޒޮރޯސްޓްރިނިޒަމަށް ނިސްބަތްވާ މަގީ ދަރިކޮޅު މީހުން ކަމަށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ވަނީ 1.8 މިލިއަން މީހުން ފުރިހަމަކޮށްފަ އެވެ.