ފިލިޕީންސްގެ މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި 1،900 މީހުން މަރައިިފި

މެނީލާ (އޮގަސްޓް 24) - މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސްގެ އާ ރައީސް ކުރައްވާ މަސައްކަތުގައި ވޭތުވެދިޔަ ހަތް ހަފުތާ ތެރޭ 1،900 މީހުން މަރާފައިވާ ކަމަށް އެ ގައުމުގެ ފުލުހުންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.


ރައީސް ރޮޑްރިގޯ ޑުޓާޓެ ވެރިކަމަށް ވަޑައިގެންނެވި ފަހުން، މަރާ މީހުންގެ އަދަދު އިތުރުވާ މައްސަލާގައި ސެނެޓުގެ އޮތް އަޑު އެހުމެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ވެރިޔާ ރޮނާލްޑް ޑެލާ ރޯސާ ވިދާޅުވީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ފުލުހުންގެ އޮޕަރޭޝަންތަކުގައި 750 މީހުން މިހާތަނަށް މަރާފައިވާ ކަމަށެވެ. އަދި އެހެނެ މަރުތައް ތަހުގީގު ކުރަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ސެނެޓުގެ ތަހުގީގުގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން މަރާ ރޭޓް އިތުރުވާ ސަބަބު އޮޅުން ފިލުވުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ. މި ތަހުގީގުގައި ދަނީ މަރުވި ބައެއް މީހުންގެ އާއިލާތަކުން ވެސް މައުލޫމާތު ދެމުންނެވެ.

ޑުޓާޓެ އަށް ފިލިޕީންސްގެ ރައީސްކަން ލިބިވަޑައިގެންނެވީ ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް އޭނާ ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހައްޔަރު ކުރަން އުޅޭ އިރު ގަދަ ދައްކާ ނަމަ ބަޑި ޖެހުމަށް ޑުޓާޓެ ވަނީ އަންގަވައިފަ އެވެ. އަދި އަމިއްލަ ދިފާއުގައި ފުލުހުން އުޅޭ އިރު އެ މީހުންގެ ހަމަލާގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން މެރުމަކީ ހުއްދަ ކަމެއް ކަމަށް ޑުޓާޓެ ވަނީ ވިދާޅުވެފަ އެވެ.

ޑެލާ ރޯސާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ކެމްޕޭން ފެށި ފަހުން ކުށްކުރުން ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ޑުޓާޓެ ގެންގުޅުއްވާ ހަރުކަށި ސިޔާސަތަށް އދ. އިން ވަނީ ފާޑު ކިޔައިފަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މަރަން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. ޑުޓާޓެ ވަނީ އދ. އިން މި ގޮތަށް ވާހަކަ ދައްކާ ނަމަ އެ ޖަމާއަތުން ވަކިވެދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އެމެރިކާ އިން ވެސް ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ފިލިޕީންސް އިން ގިނަ ބަޔަކު މަރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ.