އިންޑިއާ އާއި ސައުދީގެ ގުޅުން ވަނީ އަޅުގަނޑުމެންގެ ޑީއެންއޭއާ ގުޅިފައި: ޕްރިންސް މުހައްމަދު

ނިއު ދިއްލީ (ފެބްރުއަރީ 20) - އިންޑިއާ އާއި ސައުދީ އަރަބިއާގެ ގުޅުން ވަނީ "އަޅުގަނޑުމެންގެ ޑީއެންއޭއާ ގުޅިފައި" ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.


އިންޑިއާ އަށް ރޭ ވަޑައިގެންނެވި ޕްރިންސް މުހައްމަދަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ. އެއަށް ފަހު ރާޝްތުރަޕަތީ ބަވަންގައި މިއަދު ވަނީ ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ.

"ދެ ގައުމަށް ވެސް ފައިދާހުރި ގޮތަށް މި ގުޅުން އަބަދަށް ދަމަހައްޓަން ބޭނުންވޭ. ރައީސް އާއި ބޮޑު ވަޒީރުގެ ލީޑަޝިޕުގެ ދަށުން އިންޑި އާއި ސައުދީ އަށް ވެސް ފައިދާ ހުރި ކަންކަން ހޯދޭނެ،" ޕްރިންސް މުހައްމަދު ވިދާޅުވި އެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ވ) އަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ދަންނަވަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާ އާއި ސައުދީ އަރަބިއާގެ ރަސްމީ ވާހަކަތައް ބާއްވާނީ މިއަދު އެވެ. ބޮޑު ވަޒީރު މޯދީއާ އެކު ޕްރިންސް މުހައްމަދު ބާއްވަވާ ބައްދަލުވުމުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް، ދިފާއީ އަދި ސެކިއުރިޓީއާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ސައުދީ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން އިންޑިއާގައި ރިފައިނަރީ ހެދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.

ސައުދީގައި އިންޑިއާގެ 2.7 މިލިއަން މީހުން ދިރިއުޅެ އެވެ. އިންޑިއާގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ވިޔަފާރި ޕާޓްނަރަކީ ސައުދީ އަރަބިއާ އެވެ. އިންޑިއާ އަށް ބޭނުންވާ ސާފު ނުކުރާ ތެލުގެ 20 ޕަސެންޓް ސަޕްލައިކޮށްދެނީ ސައުދީންނެވެ. ދެ ގައުމުގެ ވިޔަފާރި އަހަރަކު 28 ބިލިއަން ޑޮލަރަށް އަރަ އެވެ.

ޕްރިންސް މުހައްމަދު އިންޑިއާ އަށް ވަޑައިގެންނެވީ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. ޕާކިސްތާނާ އެކު ސައުދީން ވަނީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުން ގާއިމްކޮށްފަ އެވެ. އިންޑިއާ އަށް ފަހު ޕްރިންސް މުހައްމަދު ދެން ވަޑައިގަންނަވާނީ ޗައިނާއަށެވެ.