އިންޑިއާ އިން ހަމަލާ ދީފި ނަމަ ފުރިހަމަ ބާރާ އެކު ރައްދު ދޭނަން: ޕާކިސްތާން

އިސްލާމްއާބާދު (ފެބްރުއަރީ 23) - އިންޑިއާ އިން ހަމަލާއެއް ދީފި ނަމަ ރައްދު ދިނުމަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާ އަދި އެ ދޭ ރައްދު ހަމަލާ ވަރަށް ވަރުގަދަވާނެ ކަމަށް ޕާކިސްތާން ސިފައިން ބުނެފި އެވެ.


ސިފައިންގެ ތަރުޖަމާން މޭޖާ ޖެނެރަލް އާސިފް ޣަފޫރު މިހެން ވިދާޅުވެފައި ވަނީ އިންޑިއާ އިން ދީފާނެ ހަމަލާއަކަށް ޕާކިސްތާން ސިފައިން ތައްޔާރުވެ ތިބުމުގެ ހުއްދަ ބޮޑު ވަޒީރު އިމްރާން ޚާން ދެއްވިތާ އެއް ދުވަސް ފަހުންނެވެ.

"އިސްވެ ހަނގުރާމަ ކުރުމުގެ ޝައުގުވެރިކަން ޕާކިސްތާނުގެ ނެތް. އެކަމަކު އިންޑިއާ އިން ހަމަލާއެއް ދީފި ނަމަ، އެންމެން ހައިރާންވާ ވަރުގެ ރައްދެއް ޕާކިސްތާނުން ދޭނެ،" ރާވަލްޕިންޑީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖެނެރަލް އާސިފް ވިދާޅުވި އެވެ.

ކަޝްމީރުގައި ޕާކިސްތާނަށް ނިސްބަތްވާ ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން ދިން ހަމަލާއާ ގުޅިގެން "ދަތްދޮޅި ދުއްވާލާވަރުގެ" ރައްދު ހަމަލާއެއް ދޭނެ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ. ކަޝްމީރުގައި ދިން ހަމަލާގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން ވަނީ މަރުވެފަ އެވެ. މިއީ 1989 ވަނަ އަހަރުގެ ފަހުން ކަޝްމީރުގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.

ޕާކިސްތާނުން ބުނެފައި ވަނީ އެ ހަމަލާގައި އެ ގައުމުގެ އެއްވެސް ވަރެއްގެ ދައުރެއް ނޯންނާނެ ކަމަށެވެ. އަދި ހަމަލާ ތަހުގީގު ކުރުމުގައި އެހީތެރިވެ ދިނުމަށް ޕާކިސްތާނުން ވަނީ ހުށަހަޅައިފަ އެވެ. އިންޑިއާ އަށް ހަމަލާ ދިނުމަށް ޕާކިސްތާނުގެ ބިން ބޭނުންކުރާ ކޮންމެ މީހަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ ހުށަހެޅުމަށް އިންޑިއާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.