އިންޑިއާގެ ހަނގުރާމަ މަތީ ބޯޓުތަކުން ޕާކިސްތާނުގެ ސަރަހައްދަކަށް ހަމަލާދީފި

އިސްލާމްއާބާދު (ފެބްރުއަރީ 26) - އިންޑިއާގެ ހަނގުރާ މަތީ ބޯޓުތަކުން ޕާކިސްތާނުގެ ސަރަހައްދަކަށް ވައިގެ ހަމަލާ މިއަދު ދީފި އެވެ.


އިންޑިއާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ކަޝްމީރުގައި ހަމަލާ ދިން ޕާކިސްތާނަށް ނިސްބަތްވާ ޖައިޝީ މުހައްމަދުގެ ކޭމްޕްތަކަށް ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާ އިން ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާން މޭޖާ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވީ އެ ގައުމުގެ ވައިގެ ސަރަހައްދަށް އިންޑިއާގެ ހަނގުރާމަ މަތީ ބޯޓުތައް ވަނުމުން އެ ބޯޓުތައް ނެރުމަށް ޕާކިސްތާނުގެ އަސްކަރީ ޖެޓްތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ކެޝާވް ގޮކާލް ދިއްލީގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް ވިދާޅުވީ އިންޑިއާ އިން ބޭނުންވި އަމާޒަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ޖައިޝީ މުހައްމަދަށް ނިސްބަތްވާ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ޓެރަރިޒަމާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އިންޑިއާ އިން އަޅަމުން ގެންދާނެ،" ނިއު ދިއްލީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ ވިދާޅުވި އެވެ.

އިންޑިއާ އާއި ޕާކިސްތާނުން މިހާތަނަށް ވަނީ ހަތަރު ހަނގުރާމައެއް ކޮށްފަ އެވެ. މީގެ ތެރޭން ތިން ހަނގުރާމަކޮށްފައި ވަނީ ކަޝްމީރުގެ މައްސަލައިގަ އެވެ.

ކަޝްމީރުގެ ޕުލްވަމާ އަށް މި މަހު 14 ވަނަ ދުވަހު ދިން ހަމަލާގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން ވަނީ މަރާލައިފަ އެވެ. އެ ހަމަލާ އަށް ރައްދު ދޭނެކަމުގެ އިންޒާރުތައް އިންޑިއާގެ އަސްކަރިއްޔާ އިން ކުރިން ވަނީ ދީފަ އެވެ.