ސައުދީ ރަސްގެފާނާއި ވަލީ އަހުދާ ދެމެދު ގުޅުން ގޯސްވެއްޖެ

ރިޔާޒް (މާޗް 6) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އާއި ދަރިކަލުން އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ދެމެދު ޚިޔާލުތަފާތުވުން ބޮޑުވެ އެ ދެބަފައިކަލުންގެ ގުޅުން ގޯސްވެފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ގާޑިއަން ނޫހުން ބުނެފި އެވެ.


ރަސްގެފާނާއި ވަލީ އަހުދާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވި މައްސަލަތަކުގެ ތެރޭގައި ޔަމަނުގައި ކުރާ ހަނގުރާމަ ހިމެނޭ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ. މީގެ އިތުރުން ރަސްގެފާން މިދިޔަ މަހު މިސްރަށް ކުރެއްވި ދަތުރުފުޅުގައި ވެސް ދެބަފައިކަލުންގެ މެދުގައި މައްސަލަ ބޮޑުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ނަން ހާމަކުރަން ނޭދޭ ބައެއް ފަރާތްތަކާ ހަވާލާދީ ނޫހުން ބުނެފައި ވަނީ އެ ދަތުރުފުޅާ ދިމާކޮށް ރަސްގެފާނާ ދެކޮޅަށް ކަންތައްގަނޑެއް ހިންގުމަށް ވަލީ އަހުދު ރޭއްވެވި ކަމަށެވެ. އެކަން ރަސްގެފާނަށް ވަފާތެރި ބޭފުޅުންނަށް އެނގިވަޑައިގަތުމުން ވަނީ ސަލްމާންގެ އެ ދަތުރުފުޅުގެ ސެކިއުރިޓީ އިންތިޒާމަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ. މި ގޮތުން ސެކިއުރިޓީންގެ ގޮތުގައި ތިބި މީހުން ބަދަލުކޮށް ރަސްގެފާނަށް ވަފާތެރި 30 މީހުންގެ ޓީމެއް ސެކިއުރިޓީ އަށް ހަމަޖެއްސި ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން މިސްރުގެ ސެކިއުރިޓީ ގާޑުން ވެސް ބަދަލުކޮށްފައިވާ ކަމަށް ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

މިސްރުގެ ދަތުރުފުޅަށް ފަހު ރަސްގެފާން އެނބުރި ވަޑައިގަތުމުން މަރުހަބާ ވިދާޅުވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވަލީ އަހުދު މުހައްމަދު ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.

ވަލީ އަހުދުގެ މަގާމަށް ވަޑައިގަތުމަށް ފަހު މުހައްމަދު ވަނީ އޭނާގެ ބާރު ގަދަކުރައްވައިފަ އެވެ.