ލަންކާގައި ޖައްލާދުގެ މަގާމަށް 102 މީހުން ކުރިމަތިލައިފި

ކޮލަމްބޯ (މާޗް 19) - ސްރީ ލަންކާގައި މަރުގެ ހުކުމް ތަންފީޒް ކުރަންވާ އިރަށް މީހުން ދަންޖެއްސުމަށް ޖައްލާދުން ހޯދަން ކުރި އިއުލާނާ ގުޅިގެން 102 މީހުން ކުރިމަތިލާފައިވާ ކަމަށް ޖަސްޓިސް އެންޑް ޕްރިޒަން ރިފޯމް މިނިސްޓްރީން ބުނެފި އެވެ.


ޖައްލާދުގެ މަގާމަށް ހުށަހެޅި މީހުންގެ ތެރޭން އިންޓަވިއު ކުރާނީ 79 މީހުންނާ އެވެ. އެ މީހުންނާ އިންޓަވިއު ކުރުން ޕްރިޒަންސް ޑިޕާޓްމަންޓްގައި މި މަހު 27 އަދި 28 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖައްލާދުގެ މަގާމަށް ހުށަހެޅި މީހުންގެ ތެރޭގައި އެމެރިކާ މީހަކާއި ލަންކާގެ ދެ އަންހެނަކު ވެސް ހިމެނެ އެވެ. އެ ތިން މީހުންގެ ނަން ވަނީ ޝަރުތު ހަމަނުވާތީ ޑިސްކޮލިފައިކޮށްފަ އެވެ.

ލަންކާގެ ނޫސްތަކުގައި ޖަހާފައިވާ އިޝްތިހާރުގައި ބުނެފައި ވަނީ ޖައްލާދުންގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އެއީ ނަފްސާނީ ގޮތުން ވަރުގަދަ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. ޖައްލާދުންގެ މަގާމަށް ނަގާ ދެ މީހުންނަކީ އުމުރުން 18-45 ދެމެދުގެ ސްރީ ލަންކާގެ ފިރިހެނުންނަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޓަވިއު ކުރާ 79 މީހުންގެ ތެރޭން މަގާމަށް ނަގާނީ ދެ މީހެކެވެ. ޖަސްޓިސް މިނިސްޓްރީން ބުނެފައި ވަނީ އެ މީހުން ވަޒީފާ އަދާކުރަން ޖެހޭނީ ވެލިކަޑަ ޖަލުގައި ކަމަށެވެ.

ލަންކާގައި މަރުގެ ހުކުމް ތަންފީޒް ކުރަން ފަށަނީ 40 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާ ފެބްރުއަރީ މަހު ވިދާޅުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒް ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ޖައްލާދުންނަށް ހޮވޭ މީހުންނަށް މުސާރައިގެ ގޮތުގައި ދޭނީ މަހަކު 36،410 ރުޕީސް (208 ޑޮލަރު) އެވެ.

ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ 1976 ވަނަ އަހަރު އެވެ.

ފިލިޕީންސަށް ކުރެއްވި ޒިޔާރަތަކަށް ފަހު ސިރިސޭނާ ވިދާޅުވެފައި ވަނީ ޑްރަގު ކުށްވެރިންނަށް ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވާ އަދަބު ކޮޕީ ކުރަން ބޭނުންވާ ކަމަށެވެ.

ލަންކާގެ ޖަސްޓިސް މިނިސްޓަރު ތާލަތާ އަތުކޮރަލޭ ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލާގައި ކުށްވެރިވެފައިވާ ފަސް މީހަކަށް މަރުގެ އަދަބު ދިނުމުގެ އިދާރީ އިޖްރާއަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ.

ކޮލަމްބޯގެ މައި ޖަލުގައި ހުރި ޖައްލާދު އިސްތިއުފާ ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން ޖައްލާދުގެ މަގާމުގައި މީހަކު ހަރުލާ ގޮތެއް ނުވެ އެވެ. ފަހުން ވެއްދި ތިން މީހުން ވެސް އަމިއްލަ އަށް ވަޒީފާ ދޫކޮށްލާފައި ވަނީ ކުރާނެ މަސައްކަތެއް ނެތިގެންނެވެ.