އައިއެސް އިން ދޭ ހަމަލާތަކުގެ އިސް ރޭވުންތެރިޔާ މަރާލައިފި

ދިމިޝްގު (އޮގަސްޓް 31) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަމަލާތައް ރޭވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ލީޑަރު ސީރިއާގައި މަރާލަފައިވާ ކަމަށް އައިއެސްއާ ގުޅުން އޮންނަ ނިއުސް އެޖެންސީއަކުން ބުނެފި އެވެ.


އައުމާގު ނިއުސް އެޖެންސީން ބުނީ ހުޅަނގުގެ ގައުމުތަކަށް ރޯދަ މަހު ހަމަލާ ދިނުމަށް ގޮވާލި އަބޫ މުހައްމަދު އަލް އަދުނާނީ މަރުވީ ސީރިއާގެ ހަލަބު ސިޓީން ކަމަށެވެ. ޕެންޓަގަނުން ބުނީ ހަލަބުގެ އަލް ބާބު ޓައުނަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އަދުނާނީ އަށް ކަމަށެވެ. އަދި އެ ހަމަލާތަކުގައި ލިބުނު ގެއްލުން ވަޒަން ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދުނާނީ އަކީ އައިއެސްގެ ތަރުޖަމާނު ވެސް މެ އެވެ.

އައިއެސްގެ އިސް ލީޑަރަކު މަރާލި ކަމަށް ބުނެފައި މިވަނީ އެ ޖަމާއަތަށް ސީރިއާ އާއި އިރާގުގައި އަސްކަރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދުވަސްވަރެއްގަ އެވެ.

"އަދުނާނީ ވަނީ ހަލަބުގެ އަސްކަރީ ހާލަތު ވަޒަން ކުރަން ނުކުމެ އުޅެނިކޮށް ޝަހީދުވެފައި،" އައުމާގު ނިއުސް އެޖެންސީން ބުންޏެވެ. އިތުރު ތަފްސީލެއް އެ އެޖެންސީން ދީފައެއް ނުވެ އެވެ.

ހަލަބު ސިޓީގެ ހަނގުރާމަ ހޫނުވެފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ސަރުކާރު ސިފައިން ހަލަބު ސިޓީ ހިސާރުކޮށްފައި އޮތް އޮތުން އިދިކޮޅު ހަނގުރާމަވެރިން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އަދި އެ ސަރަހައްދުގައި ސީރިއާ ސަރުކާރާ ދެކޮޅު ފަރާތްތައް ތިބި ސަރަހައްދުތަކަށް ރަޝިޔާ އިން ދަނީ ވަރުގަދަ ވައިގެ ހަމަލާތައް ވެސް ދެމުންނެވެ.

ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ތަރުޖަމާން ޕީޓާ ކުކް ވިދާޅުވީ އަދުނާނީ އަކީ ގައުމުން ބޭރުގައި ދޭ ހަމަލާތައް ރޭވުމުގެ އެންމެ އިސް މޭސްތެރިޔާ ކަމަށެވެ.

"ހަލަބަށް ދިން ހަމަލާތަކުގެ ގެއްލުން މިދަނީ ވަޒަން ކުރަމުން. އެކަމަކު އަދުނާނީ މަރާލުމަކީ އައިއެސް އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" ކުކް ވިދާޅުވި އެވެ.

ސީރިއާގެ ބަނާޝް ޓައުން އަށް 1977 ވަނަ އަހަރު އުފަންވެފައިވާ އަދުނާނީގެ ބޮލަށް އެމެރިކާ އިން ވަނީ ފަސް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. އައިއެސްއާ ރަސްމީކޮށް ގުޅުނުކަން އޭނާ އިއުލާންކުރީ ޖޫން، 2014 ގަ އެވެ. އޭނާ ވަނީ އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީއާ ގުޅުމަށް މުސްލިމުންނަށް ގޮވާލައިފަ އެވެ. އަދި އޭނާ ވަނީ އެމެރިކާ ކޯލީޝަނުގައި ހިމެނޭ ގައުމުތަކަށް ވަކި ވަކި ފަރުދުން ހަމަލާ ދިނުމަށް ރެކޯޑްކޮށްފައިވާ މެސެޖެއްގައި ގޮވާލައިފަ އެވެ.

މި އަހަރު ކުރީކޮޅު އޭނާ ވަނީ ރޯދަ މަހު ހަމަލާތައް ގިނަ ކުރަން ވެސް ގޮވާލައިފަ އެވެ. އޭގެ ފަހުން ވަނީ އެމެރިކާގެ ނައިޓް ކްލަބެއްގައި ބަޑީގެ ހަމަލާދީ، ފްރާންސްގެ ނީސްގައި އެއްވެފައި ތިބި ބައެއްގެ ގައިގައި ޓްރަކަކުން ޖައްސާ ގިނަ ބަޔަކު މަރާލާ އަދި ބަޣުދާދުގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާދީ އެތައް ބަޔަކު މަރާލައިފަ އެވެ. އަދުނާނީގެ އަޑުން އޯޑިއޯ މެސެޖެއް އެންމެ ފަހުން އިވިފައި ވަނީ މެއި މަހު އެވެ. އެ މެސެޖުގައި އޭނާ ވަނީ މުސްލިމުން ހުޅަނގަށް ހަމަލާ ދިނުމަށް ގޮވާލައިފަ އެވެ.