ރައްގާ ހިފަން އެމެރިކާގެ އިތުރު ސިފައިން ސީރިއާ އަށް ފޮނުވަނީ

މަނާމާ (ޑިސެމްބަރު 11) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން ސީރިއާގެ ރައްގާ ހިފުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެމެރިކާގެ އިތުރު 200 ސިފައިން ފޮނުވުމަށް ނިންމާފައިވާ ކަމަށް ދިފާއީ ވަޒީރު އޭޝް ކާޓާ ވިދާޅުވެއްޖެ އެވެ.


މެދުއިރުމަތީގެ ސަލާމަތާ ބެހޭ ގޮތުން ބަހުރޭނުގައި ވާހަކަ ދައްކަވަމުން ކާޓާ ވިދާޅުވީ ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ އަނބުރާ ހޯދުމަށް ފޮނުވާ ސިފައިންގެ ތެރޭގައި ސްޕެޝަލް ފޯސަސްގެ ޓްރޭނަރުންނާއި އެޑްވައިޒަރުންނާއި ބޮން ނައްތާލާ ޓީމުތައް ހިމެނޭނެ ކަމަށެވެ. އެމެރިކާ އިން ފޮނުވާ ސިފައިން ސީރިއާ ސިފައިންނަށް ތަމްރީނުދީ އެ މީހުން މޯޓިވޭޓް ކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ސީރިއާގައި އެމެރިކާގެ 300 ސިފައިން މިހާރު ވެސް އެބަތިއްބެވެ.

ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ސަރުކާރު ސިފައިން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ކޯލީޝަނުގެ މަދަދު ލިބޭ ކުރުދީ ހަނގުރާމަވެރިންނާއި އަރަބި ހަނގުރާމަވެރިން މިދިޔަ މަހު ވަނީ ރައްގާ ހިފުމުގެ އޮޕަރޭޝަނެއް ފަށައިފަ އެވެ. ރައްގާގެ އުތުރުން އޮންނަ ހިސާބުތަކުގައި ސީރިއަން ޑިމޮކްރެޓިކް ފޯސް (އެސްޑީއެފް) ގެ ސިފައިން ދަނީ ކުރިއެރުންތައް ހޯދަމުންނެވެ.

ސީރިއާގައި ވަރުގަދަ އަށް ހަނގުރާމަ ހިނގާ އެއް ސިޓީ އަކީ ހަލަބެވެ. ރަޝިޔާ އާއި ސީރިއާ ސަރުކާރު ގުޅިގެން ވައިގެ ހަމަލާތައް ދޭ ހަލަބުގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެމެރިކާގެ މަދަދު ލިބެ އެވެ. އދ. އިން ސީރިއާ އަށް ކަނޑައަޅާފައި ހުންނަ ޚާއްސަ މަންދޫބު ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިންގެ އަތުން ހަލަބު ސިޓީ ހިފި ނަމަވެސް ސީރިއާ ހަނގުރާމަ އަށް ނިމުމެއް ނާންނާނެ ކަމަށެވެ. ހަލަބުގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުން 85 ޕަސެންޓް ސަރުކާރު ސިފައިން މިހާރު ވަނީ ހިފައިފަ އެވެ.

ކާޓާ ވިދާޅުވީ ސީރިއާގެ މަދަނީ ހަނގުރާމަ ދިގު ދެއްމުމުގައި ރަޝިޔާގެ ދައުރު ބޮޑު ކަމަށެވެ.