އައިއެސްއާ ގުޅުން އޮންނަ ޖަމާއަތަކަށް އިޒްރޭލުން ބޮން އަޅައިފި

ތެލް އަވީވް (ނޮވެމްބަރު 28) - ސީރިއާގައި ހަރަކާތްތެރިވަމުންދާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ޖަމާއަތަކަށް އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ބޮން އަޅާފައިވާ ކަމަށް އިޒްރޭލް ސިފައިން ބުނެފި އެވެ.


އިޒްރޭލް ސިފައިން ބުނީ ސީރިއާގެ ދެކުނުގެ ގޯލާންގެ އުސް ބިންތަކުގައިވާ ކުރިން އދ. އިން ބޭނުންކުރި އިމާރާތަކަށް ވައިގެ ހަމަލާ ދީފައި ވަނީ އެ ތަނުން އިޒްރޭލް ސިފައިންގެ މީހަކަށް ހަމަލާ ދިނުމުން ރައްދުގައި ކަމަށެވެ. އެ ތަނަކީ އައިއެސް އިން ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މިއީ ސީރިއާގެ ހަނގުރާމަ 2011 ވަނަ އަހަރު ފެށި ފަހުން ގޯލާނުގައި ތިބޭ އިޒްރޭލް ސިފައިންނަށް އަމާޒުކޮށް އައިއެސް އިން ދިން ފުރަތަމަ ހަމަލާ އެވެ. އިޒްރޭލް ސިފައިންނަށް ހަމަލާދީފައި ވަނީ އައިއެސްއާ ގުޅުން އޮންނަ ޔަރްމޫކް ބްރިގޭޑުން ކަމަށް ވެސް އިޒްރޭލް ސިފައިން ބުނެފައިވެ އެވެ. އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ބްރިގޭޑުގެ ހަތަރު މީހުން މަރާލި ކަމަށް ވެސް ބުނެފައިވެ އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސިފައިންގެ މީހާ އަށް ހަމަލާ ދިން މީހުންނަށް ރައްދު ދިންލެއް ފުރިހަމަ ކަމަށް ޓަކައި ސިފައިންނަށް ތައުރީފް ކުރައްވައިފަ އެވެ. ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގެ ސަރަހައްދީ ރޮނގާ ހަމައަށް ވެސް އައިއެސްގެ ހަމަލާއެއް އަޔަކަ ނުދޭނެ ކަމަށެވެ.

ގޯލާނުގެ 460 އަކަ މޭލުގެ ސަރަހައްދު ސީރިއާގެ ބާރުގެ ދަށުން އިޒްރޭލުން އަތުލީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އޭގެ ފަހުން 1981 ވަނަ އަހަރު ވަނީ އެއީ އިޒްރޭލުގެ ތަނަކަށް ހަދައިފަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެއްވެސް ބަޔަކު އެކަން ބަލައިގެންފައެއް ނުވެ އެވެ.