އެތައް ހާސްބަޔަކު އެކުވެގެން ކްރައިސްޗާޗް މިސްކިތުގެ ތަސްވީރެއް ދައްކާލައިފި

ޕަންޖާބް (އެޕްރީލް 13) - ޕާކިސްތާނުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޖަންގް އަށް ހުދު ހެދުމުގައި ތިބި އެތައް ހާސް ބަޔަކު ޖަމާވެ ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތުގެ ތަސްވީރެއް ދައްކުވައިދޭ ގޮތަށް އެތުރިއްޖެ އެވެ.


ވިނަ ދަނޑެއްގައި ގާތްގަނޑަކަށް 25،000 މީހުން އެތުރިގެން ތިބީ ޑްރޯންއިން ފޮޓޯ ނަގާ އިރު އަލް ނޫރް މިސްކިތުގެ ތަސްވީރު ފާޅުވާ ގޮތަށެވެ. މިދިޔަ މަހު 15 ވަނަ ދުވަހު ބަޑި ޖަހާ 50 މީހުން މަރާލި ދެ މިސްކިތުގެ ތެރޭގައި ހިމެނޭ އަލް ނޫރް މިސްކިތުގެ މަންޒަރެއްގެ ގޮތަށް އެތުރިގެން ތިބި އެންމެން ވެސް ތިބީ ހުދު ގަމީސް ލައިގެން ހުދު ތާކިހަލާއި ހުދު ފޮށާ ބޮލުގައި އަޅައިގެންނެވެ. ދެ ވަނަ ގްރޫޕް ވަނީ އިނގިރޭސި އަކުރުން "އިސްލާމް އިޒް ޕީސް" ފާޅުވާ ގޮތަށް އެތުރިފަ އެވެ.

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތް ސިފަވާ ގޮތަށް އެތައް ހާސް ބަޔަކު އެތުރިގެން. --ފޮޓޯ:އޭއެފްޕީ

ނިއު ޒީލެންޑާއި ޕާކިސްތާނުގެ ބޮޑު ދިދައެއް ބަހައްޓާފާއިވާ އިރު ތިރީގައި ވަނީ "ސޮލިޑާރިޓީ ވިތު ދަ މާޓިއާސް އޮފް ކްރައިސްޗާޗް ފްރޮމް ޕާކިސްތާން" ފެންނަ ގޮތަށް ބެނާއެއް ބަހައްޓައިފަ އެވެ.

މި ހަރަކާތް އިންތިޒާމްކުރީ މުސްލިމްގެ މެދުގައި ހަމަޖެހުމާއި ސުލްހަ ގާއިމްކުރަން މަސައްކަތް ކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ މުސްލިމް އިންސްޓިޓިއުޓްގެ ފަރާތުންނެވެ. އެ ޖަމާއަތުގައި ހިމެނޭ ދީނީ އިލްމުވެރިއެއް ކަމަށްވާ ސާހިބްޒާދާ ސުލްތާން އަހުމަދު އަލީ ވަނީ ހަމަލާ އަށް ފަހު މުސްލިމުންނާ މެދު ބެހެއްޓި ގާތް ކަމާއި އޯގާތެރި ކަމަށްޓަކައި ނިއު ޒީލެންޑުގެ ސަރުކާރަށާއި ބޮޑު ވަޒީރު ޖަސިންޑާ އާޑާން އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތާއި ލިންވުޑް މިސްކިތަށް ހަމަލާ ދިނީ އޮސްޓްރޭލިއާގެ މީހެއް ކަމަށްވާ ބްރެންޓަން ޓަރަންޓް އެވެ. ބަޑީގެ ހަމަލާގައި ވަނީ 50 މީހުން މަރުވެ 39 މީހުން ޒަޚަމްވެފަ އެވެ. އުމުރުން 28 އަހަރުގެ އެ މީހާގެ މައްޗަށް ވަނީ މީހުން މެރުމުގެ 50 ދައުވާ އާއި މީހަކު މަރާލަން އުޅުމުގެ 39 ދައުވާ އުފުލައިފަ އެވެ.

ކްރައިސްޗާޗުގައި ދިން ހަމަލާގައި މަރުވި 50 މީހުންގެ ތެރޭން ނުވަ މީހުން ނިސްބަތް ވަނީ ޕާކިސްތާނަށެވެ. މީގެ ތެރޭގައި ހިމެނޭ ނައީމް ރާޝިދު ކިޔާ މީހާ މަރުވީ ބަޑި ޖެހި މީހާ ހިފަހައްޓަން މަސައްކަތް ކުރަނިކޮށެވެ. ޕާކިސްތާނުން ވަނީ ރާޝިދު ކުރި ހިތްވަރަށް އޭނާގެ ހަނދާނަށް އެ ގައުމުގައި ދޭ މަދަނީ ޝަރަފްވެރި އެވޯޑެއް ދީފަ އެވެ.

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތް ސިފަވާ ގޮތަށް އެތައް ހާސް ބަޔަކު އެތުރިގެން. --ފޮޓޯ:އޭއެފްޕީ