ސިނަމަން ގްރޭންޑުގައި ބޮން ގޮއްވާލީ ބުފޭގެ ކިޔޫގައި ހުރެފައި

ކޮލަމްބޯ (އެޕްރީލް 21) - ސްރީ ލަންކާގެ ސިނަމަން ގްރޭންޑުގައި ޖާނުން ފިދާވެގެން ބޮމުގެ ހަމަލާ ދިން މީހާ ހުރީ އެހެން މީހުންނެކޭ އެއްގޮތަށް ނާސްތާގެ ބުފޭގެ ކިޔޫގައި ހަމަޖެހިލައިގެން ކަމަށް ހޮޓަލުގެ މެނޭޖަރު ބުނެފި އެވެ.


ނާސްތާ އަށް އެންމެން ޖަމާވެ ފުރި ބާރުވެފައި އޮތް ބުފޭ ހޯލުގައި ތައްޓެއް ހިފައިގެން ހުރި މީހާ ކުއްލިއަކަށް ކުރިއަށް ޖެހި، ދެން ފެނުނީ އޭނާގެ ބުރަކަށީގައި ހަރުކޮށްފައި ހުރި ގޮވާ ތަކެތި ގޮއްވާލި ތަނެވެ. ޖާނުން ފިދާވުމުގެ ހަމަލާ ދިން މީހާ ހޮޓަލުގައި ރަޖިސްޓްރީކޮށްފައި ވަނީ މުހައްމަދު އައްޒާމް މުހައްމަދުގެ ނަމުގަ އެވެ.

އީސްޓާ ހަފުތާ ބަންދުގެ ޗުއްޓީ އަށް ވުމާ އެކު ސިނަމަން ގްރޭންޑަށް މިއަދަކީ އަހަރުގެ އެންމެ ބިޒީ އެއް ދުވަހެވެ.

"އެއީ ހެނދުނު ގާތްގަނޑަކަށް 8:30. ހޯލް އޮތީ ފުރިފައި. އާއިލާތައް ވެސް ތިބި،" ނަން ހާމަކުރަން ނޭދޭ މެނޭޖަރު ބުންޏެވެ. "ޖާނުންފިދާވުމުގެ ހަމަލާ ދިނީ ކިޔޫގެ އެންމެ ކުރިއަށް ގޮސް."

އޭނާ ބުނީ ބޮން ގޮއްވާލުމާ އެކު، ގެސްޓުންނަށް މަރުހަބާ ކިޔުމަށް ކިޔޫގެ އެންމެ ކުރީގައި ހުރި ހޮޓަލުގެ މެނޭޖަރަކު، ވަގުތުން މަރުވި ކަމަށެވެ. ބޮން ގޮއްވާލި މީހާގެ ހަށިގަނޑުގެ ބައިތައް ފުލުހުން ވަނީ ތަހުގީގަށް ގެންގޮސްފަ އެވެ.

ހޮޓަލުގެ އެހެން އޮފިޝަލުން ބުނީ އޭނާ ޗެކިންވީ ކޮލަމްބޯ އަށް ވިޔަފާރި އަށް ގޮސް ހުރި މީހެއްގެ ގޮތުގައި ނުބައި އެޑްރެހެއް ދީގެން ކަމަށެވެ.

ސިނަމަން ގްރޭންޑުގެ މެނޭޖަރު ބުނީ ޒަޚަމްވި މީހުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި އެންމެ ބޮޑަށް ޒަޚަމްވި 20 މީހުން ގެންދިޔައީ ނޭޝަނަލް ހޮސްޕިޓަލަށް ކަމަށް ބުންޏެވެ.

ސިނަމަން ގްރޭންޑް ހުންނަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅާ ކައިރީގައި ކަމަށްވާތީ ބޮން ގޮއްވާލުމާ އެކު ސްޕެޝަލް ޓާސްކް ފޯހުގެ ކޮމާންޑޯ އިން ވަނީ ވަރަށް އަވަހަށް އެ ހޮޓަލުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.

ސިނަމަން ގްރޭންޑުގައި ބޮން ގޮއްވާލި ވަގުތު ވަނީ ކިންގްސްބެރީ އާއި ޝަންގްރިއްލާގައި ވެސް ގޮން ގޮއްވާލައިފަ އެވެ. ގޯލް ފޭސް ގްރީން އަށް ވާގޮތަށް ހުންނަ ޝަންގްރިއްލާގައި ބޮން ގޮއްވާލާފައި ވަނީ ދެ ވަނަ ބުރީގައި ހުންނަ ހޮޓަލުގެ ރެސްޓޯރެންޓުގަ އެވެ.

މީގެ އިތުރުން ކޮލަމްބޯގެ ތާރީޚީ ކެތަލިކް ފައްޅިއެއް ކަމަށްވާ ސެއިންޓް އެންތަނީގައި ވެސް ވަނީ ބާރުގަދަ އެއްޗެއް ގޮއްވާލައިފަ އެވެ. އެ ފައްޅީގެ ފުރާޅުން ބައެއް ވަނީ ވެއްޓިފަ އެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 207 މީހުން މަރުވެފަ އެވެ. މީގެ ތެރޭގައި 27 ގައުމެއްގެ މީހުން ހިމެނެ އެވެ. ހަމަލާއާ ގުޅިގެން މިހާރު ވަނީ ލަންކާގައި ކާފިއު ހިންގައިފަ އެވެ.