އަޅުގަނޑަކީ އެމެރިކާގެ ޕަޕެޓެއް ނޫން: ފިލިޕީންސްގެ ރައީސް

ބެއިޖިން (ސެޕްޓެމްބަރު 6) - އޭނާ އަކީ އެމެރިކާ އިން ބުނާހާ ގޮތެއް ހަދަން ހުރި ޕަޕެޓެއް ނޫން ކަމަށް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.


ވައިޓްހައުސް އިން ކުރިން ބުނެފައި ވަނީ ފިލިޕީންސްގެ ރައީސްއާ އެކު އޭޝިއާ ސަމިޓުގައި ލާއޯސްގައި އޮބާމާ ބާއްވަވާ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޑުޓާޓެ އަޅުއްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅުތަކާ ގުޅޭ ގޮތުން އޮބާމާ ވާހަކަ ދައްކަވާނެ ކަމަށެވެ. ނަމަވެސް ޑުޓާޓެ ވަނީ އޮބާމާ އަށާއި އެމެރިކާ އަށް ވަރަށް ހުތުރު ބަހުން ރައްދު ދެއްވައިފަ އެވެ. ޑުޓާޓެގެ ހަރުކަށި ވާހަކަތަކާ ގުޅިގެން ވައިޓްހައުސް އިން ފަހުން ވަނީ އެ ބައްދަލުވުން ކެންސަލްކޮށްފަ އެވެ.

"އަޅުގަނޑަކީ އެމެރިކާ އިން ބުނާހާ ގޮތެއް ހަދަން ހުރި ޕަޕެޓެއް ނޫން. އަޅުގަނޑަކީ މިނިވަން ގައުމެއް ކަމަށްވާ ފިލިޕީންސްގެ ރައީސް. އަޅުގަނޑު ޖަވާބުދާރީ ވާން ޖެހޭނީ ހަމައެކަނި ފިލިޕީންސްގެ ރައްޔިތުންނަށް،" ލާއޯސް އަށް ފުރާވަޑައިގަތުމުގެ ކުރިން ފިލިޕީންސްގައި ވާހަކަ ދައްކަވަމުން ޑުޓާޓެ ވިދާޅުވި އެވެ.

އެމެރިކާ އަށް ފާޑުވިދާޅުވަމުން ޑުޓާޓެ ވިދާޅުވީ ފިލިޕީންސްގެ ދެކުނުގެ މިންޑަނާއޯގައި ހަމަނުޖެހުން އުފެދެން ދިމާވެފައި ވަނީ ވެސް އެމެރިކާގެ ސަބަބުން ކަމަށެވެ.

އަޅުގަނޑަކީ އެމެރިކާ އިން ބުނާހާ ގޮތެއް ހަދަން ހުރި ޕަޕެޓެއް ނޫން. އަޅުގަނޑަކީ މިނިވަން ގައުމެއް ކަމަށްވާ ފިލިޕީންސްގެ ރައީސް. އަޅުގަނޑު ޖަވާބުދާރީ ވާން ޖެހޭނީ ހަމައެކަނި ފިލިޕީންސްގެ ރައްޔިތުންނަށް،" ޑުޓާޓެ

"މިއީ އެމެރިކާގެ ސަބަބުން ވާސިލުވެފައިވާ މައްސަލައެއް. އެމެރިކާ މީހުން ފިލިޕީންސް އަށް އަރައިގަނެ މި ގައުމުގެ ރައްޔިތުން އަޅުވެތިކޮށްފައި. އެހެންވީމާ ކޮންމެ ބައެއްގެ ވެސް އެބައޮތް މީހުން މެރުމުގެ ރެކޯޑް. ކުށަކާ ދެކޮޅަށް މަސައްކަތް ކުރުމުން އެކަން ބޮޑުކޮށްލަންވީ ކީއްވެ؟" މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ މަސައްކަތަށް އިޝާރާތް ކުރައްވާ ޑުޓާޓެ ވިދާޅުވި އެވެ. "ހަމައެކަނި އެމެރިކާގެ އިންސާނީ ހައްގުތަކަށް ބަލާލަ ބަލަ. އެ ގައުމަށް ހިޖުރަ ކުރާ މީހުންނާ މެދު އެމެރިކާ އިން ކަންތައް ކުރަނީ ކިހިނެއް؟."

ފިލިޕީންސްގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ފަހުން މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި ދެހާހަށް ވުރެ ގިނަ މީހުން ވަނީ މަރައިފަ އެވެ. ޖުލައި 25 ގައި ޑުޓާޓެ ދެއްވި ތަގުރީރުގައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ އެންމެން ހުސްވަން ދެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ޑުޓާޓެ ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހައްޔަރު ކުރަން އުޅޭ އިރު ގަދަ ދައްކާ ނަމަ ބަޑި ޖެހުމަށް ފުލުހުންނަށް އަންގަވައިފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ޑުޓާޓެ ގެންގުޅުއްވާ ސިޔާސަތަށް އދ. އިން ވެސް ވަނީ ފާޑު ކިޔައިފަ އެވެ. ޑުޓާޓެ ވަނީ އދ. އިން އެ ކަހަލަ ވާހަކަ ދައްކާ ނަމަ އެ ޖަމާއަތުން ވަކިވާން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.