އޮބާމާގެ ހަލާކަށް ފިލިޕީންސްގެ ރައީސް ގޮވާލައްވައިފި

މެނީލާ (އޮކްޓޯބަރު 5) - މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސް އިން ފަށާފައިވާ ކެމްޕޭނަށް ފާޑުކިޔަމުންދާތީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ހަލާކަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ގޮވާލައްވައިފި އެވެ.


ފިލިޕީންސްގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޑުޓާޓެ ވިދާޅުވީ އެ ގައުމުން ކުރިއަށް ގެންދާ ޑްރަގާ ދެކޮޅު ހަނގުރާމަ އަށް އެމެރިކާ އިން ފާޑުކިޔުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ވޮޝިންޓަނަކީ އިތުބާރު ނުކުރެވޭ ބައިވެރިއެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޑުޓާޓެ ވިދާޅުވީ އޭނާގެ ވެރިކަމުގައި އެމެރިކާއާ އެކު އޮތް ގުޅުން ކަނޑާލައްވާނެ ކަމަށާއި އޭގެ ބަދަލުގައި ރަޝިޔާ އާއި ޗައިނާއާ އެކު ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ.

އެމެރިކާ އާއި އޮބާމާ އަށް ޑުޓާޓެ ފާޑު ވިދާޅުވި އިރު އެމެރިކާ އާއި ފިލިޕީންސް އިން އިއްޔެ ވަނީ އަސްކަރީ ތަމްރީނުތަކެއް ފަށައިފަ އެވެ. ޑުޓާޓެ ވިދާޅުވީ މިއީ އޭނާގެ ވެރިކަމުގައި އެމެރިކާއާ އެކު ކުރިއަށް ގެންދާނެ އެންމެ ފަހު ތަމްރީނުތައް ކަމަށެވެ.

ޑުޓާޓެ ވިދާޅުވީ މެނީލާ އަށް ހަތިޔާރު ވިއްކަން އެމެރިކާ އިން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކަމަކު ހަތިޔާރު ލިބޭނެ އެހެން ގޮތްގޮތް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިލިޕީންސް އަށް ހަތިޔާރު ވިއްކަން ބޭނުން ނޫން ނަމަ އަޅުގަނޑުމެން ދާނީ ރަޝިޔާ އަށް. ފިލިޕީންސްގެ ޖެނެރަލުން ވަނީ ރަޝިޔާ އަށް ފޮނުވާފައި. ރަޝިޔާ އިން ބުނެފައި ވަނީ ހާސް ނުވާށޭ، ފިލިޕީންސަށް ބޭނުންވާ ހުރިހާ އެއްޗެއް އެބަހުއްޓޭ. އެ ހުރިހާ ހަތިޔާރެއް ފިލިޕީންސަށް ދޭނެ ކަމަށް ރަޝިޔާ އިން ބުނެފައިވޭ،" ޑުޓާޓެ ވިދާޅުވި އެވެ. "ޗަައިނާ އިން ވެސް ބުނެފައި ވަނީ ފިލިޕީންސް އިން ބޭނުން ހަތިޔާރެއް ދޭނަމޭ."

ޑުޓާޓެގެ ހަރުކަށި ފާޑުކިޔުންތަކާ ގުޅިގެން ވައިޓްހައުސްގެ ތަރުޖަމާން ވިދާޅުވީ ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ރަނގަޅަށް އޮތް ނަމަވެސް ފިލިޕީންސް އިން ހިންގާ އިންސާނިއްޔަތާ ޚިލާފު ކަންތައްތަކުގެ ވާހަކަ ސަމާލު ކަމަށް ގެންނާނެ ކަމަށެވެ. އަދި ދެ ގައުމުގެ ދޭދޭ ގުޅުމަށް ބަދަލު ގެންނަން ބޭނުންވާ ކަމުގެ ރަސްމީ އިޝާރާތެއް ފިލިޕީންސް އިން ދީފައިވާ ނުވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.