2003 އަށް ފަހު އެމެރިކާ ސަރުކާރުން ފުރަތަމަ ފަހަރަށް މަރުގެ އަދަބު ދެނީ

ވޮޝިންޓަން (ޖުލައި 26) - ދެހާސް ތިން ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ މައި ސަރުކާރުން މަރުގެ އަދަބު ދޭން ނިންމައި މަރުގެ ހުކުމް އިއްވާފައިވާ ފަސް މީހެއްގެ އަދަބު ތަންފީޒް ކުރަން ނިންމައިފި އެވެ.


ސޯޅަ އަހަރަށް ފަހު އެމެރިކާ އިން މަރުގެ އަދަބު ތަންފީޒް ކުރަން ފަށާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ޑިމޮކްރެޓިކުންގެ ފަރާތުން ފާޑުކިޔުންތައް ވަނީ އަމާޒުވާން ފަށައިފަ އެވެ. ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނަވާ ބައެއް ކެންޑިޑޭޓުން ވަނީ މަރުގެ އަދަބު ދިނުން އުވާލުމަށް ގޮވާލައްވައިފަ އެވެ.

އެޓާނީ ޖެނެރަލް ވިއަމް ބާ ވިދާޅުވީ މަރުގެ އަދަބު ތަންފީޒް ކުރާ ފަސް ގައިދީންނަކީ މީހުން މެރުމާއި ކުޑަކުދިންނާއި ބޮޑެތި މީހުން ރޭޕްކޮށްގެން ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ މީހުން ކަމަށެވެ. އެ ފަސް މީހުންގެ މަރުގެ އަދަބު ތަންފީޒު ކުރާނީ ޑިސެމްބަރު 2019 އާއި ޖެނުއަރީ 2020 އާ ދެމެދު އެވެ.

އެމެރިކާގެ ޝަރުއީ ނިޒާމް އޮންނަ ގޮތުން މައްސަލަތަކުގެ ބާވަތަށް ބަލައި ގައުމީ ލެވެލްގައި، ފެޑެރަލް ކޯޓުތަކުންނާއި ސަރަހައްދީ ލެވެލްގައި ސްޓޭޓްތަކުގެ ކޯޓުތަކުން ޝަރީއަތްތައް ކުރިއަށް ގެންދެ އެވެ.

ފެޑެރަލް އަދި ސްޓޭޓް ލެވެލްގައި އެމެރިކާގައި މަރުގެ އަދަބު ދިނުން އެ ގައުމުގެ ސުޕްރީމް ކޯޓުން 1972 ވަނަ އަހަރު ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ސްޓޭޓް ލެވެލްގައި މަރުގެ އަދަބު ދިނުމަށް 1976 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި ފެޑެރަލް ލެވެލްގައި މަރުގެ އަދަބު ތަންފީޒް ކުރަން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ 1988 ވަނަ އަހަރު އެވެ.

އެމެރިކާގެ 29 ސްޓޭޓުގައި މިހާރު ވެސް މަރުގެ އަދަބު ދެ އެވެ. ނަވާރަ ސަތޭކަ ހަތް ދިހަ ހަ ވަނަ އަހަރުގެ ފަހުން އެންމެ ގިނަ މީހުންނަށް މަރުގެ އަދަބު ދީފައި ވަނީ ޓެކްސަސްގަ އެވެ. އެ ސްޓޭޓުން 561 މީހަކަށް މަރުގެ އަދަބު ދީފައިވާ އިރު ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް މަރުގެ އަދަބު ދީފައިވާ ވާޖީނިއާގައި 113 މީހެއްގެ އަދަބު ވަނީ ތަންފީޒްކޮށްފަ އެވެ. އޮކްލަހޮމާ އިން ވަނީ 112 މީހެއްގެ މަރުގެ އަދަބު ތަންފީޒްކޮށްފަ އެވެ.

ޑެތު ޕެނަލްޓީ އިންފޮމޭޝަން ސެންޓަރުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 1988 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ފެޑެރަލް ކޯޓުތަކުން ވަނީ 78 މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވައިފަ އެވެ. ނަމަވެސް މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ އެންމެ ތިން މީހެއްގެ މައްޗަށެވެ. ފެޑެރަލް ކޯޓުތަކުން މަރުގެ ހުކުމް އިއްވާފައިވާ 62 މީހުން މިހާރު ވެސް އެބަތިއްބެވެ. މުޅި އެމެރިކާގައި މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ އަދަދަކީ 2،673 އެވެ. އެންމެ ގިނަ މީހުން މަރަން ހުކުމް ކޮށްފައި ވަނީ ކެލިފޯނިއާގަ އެވެ. އެ ސްޓޭޓުން 733 މީހުން މަރަން ހުކުމް ކުރި ނަމަވެސް 1976 ގެ ފަހުން މަރާފައި ވަނީ އެންމެ ތިން މީހުންނެވެ.