ތުހުމަތުތައް ލަންކާ ސިފައިންގެ ވެރިޔާ ދޮގުކޮށްފި

ކޮލަމްބޯ (އޮގަސްޓް 28) - ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ޖަރީމާތައް ހިންގި ކަމަށް ކުރާ ތުހުމަތުތައް ލަންކާ ސިފައިންގެ ވެރިޔާގެ މަގާމަށް ދާދި ފަހުން ހަމަޖެއްސި ޝަވެންދުރަ ސިލްވާ ދޮގު ކުރައްވައިފި އެވެ.


ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު ޝަވެންދުރަ ސިލްވާ ސިފައިންގެ ވެރިޔާގެ މަގާމަށް މި މަހު 19 ވަނަ ދުވަހު ހަމަޖެއްސުމާ ގުޅިގެން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ މިޝޭލް ބަޗެލެ ވިދާޅުވީ އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އދ. އިން ތުހުމަތުކޮށްފައިވާ ގޮތުގައި ލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު ދުވަސްވަރު ހިންގި ޖަރީމާތަކުގައި ސިލްވާ ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ.

ސިލްވާ ވިދާޅުވީ ކޮންމެ މީހެއްގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރެވިދާނެ ކަމަށެވެ.

ލަންކާ ސިފައިންގެ ވެރިޔާގެ މަގާމަށް ހަމަޖެއްސި ޝަވެންދުރަ ސިލްވާ (މ) ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

"ކަންބޮޑުވުންތައް ހުންނާނެ. ގައުމުގައި ވެސް ކަންބޮޑުވުންތައް ހުންނާނެ. އެކަމަކު އަޅުގަނޑަށް ޔަގީން ގައުމުގައި ހުންނަ ކަންބޮޑުވުންތަކަށް އެންމެ ބޮޑަށް ބައްލަވާނެ އެއް ބޭފުޅަކީ ރައީސްކަން،" ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ތައުރީފް ކުރައްވަމުން ސިލްވާ ވިދާޅުވި އެވެ. "މިއީ އަޅުގަނޑާ މެދު ތުހުމަތުތައް ކުރި ފުރަތަމަ ފަހަރެއް ނޫން. ކޮންމެ މީހަކަށް ވެސް އަޅުގަނޑާ މެދު ތުހުމަތު ކުރެވިދާނެ."

އުމުރުން 55 އަހަރުގެ ސިލްވާ ވިދާޅުވީ އޭނާ ބޭނުން ވަނީ ކުރިއަށް ދާން ކަމަށެވެ. އަދި ދާދި ފަހުން ލަންކާގެ ހުޅަނގު އުތުރުން ފެނުނު ކައްވަޅުގެ ކަށިތަކުގެ ކާބަން ޑޭޓިން ހެދުމުން އެނގިފައި ވަނީ އެއީ އެތައް އެތައް ސަތޭކަ އަހަރެއްގެ ކުރީގެ ކަށިތަކެއް ކަމަށެވެ.

ޓައިގަރުންނާ ދެކޮޅަށް ކުރި ލަންކާގެ 37 އަހަރުވީ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައިރު ހަނގުރާމައިގައި އެއްލައްކަ މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭން 40،000 މީހުން މަރުވީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.