ހުވަފެން ދެކުން ހުއްޓާލާ! ކަޝްމީރު އޮންނާނީ އިންޑިއާގެ ތަނެއްގެ ގޮތުގައި: ޚާރިޖީ ވަޒީރު

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 27) - ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ކަޝްމީރުގެ ކޮންޓްރޯލް އިންޑިއާ އިން ދުވަހަކު ވެސް ދޫކޮށްނުލާނެ ކަމަށާއި ޖައްމޫ އެންޑް ކަޝްމީރު ހޯދަން ޕާކިސްތާނުން ދެކެމުންދާ ހުވަފެން ދޫކޮށްލުމަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވިދާޅުވެއްޖެ އެވެ.


"އަޅުގަނޑުގެ ނަސޭހަތަކީ ޕާކިސްތާނުން ދެކޭ ހުވަފެން ދޫކޮށްލާށޭ. ޖައްމޫ އެންޑް ކަޝްމީރު އަބަދުވެސް އޮންނާނީ އިންޑިއާގެ ތަނެއްގެ ގޮތުގައި،" އދ.ގައި ވާހަކަ ދައްކަވަމުން ސުވަރާޖް ވިދާޅުވި އެވެ.

އިނގިރޭސިންގެ އަތްދަށުން 1947 ވަނަ އަހަރު މިނިވަންވީ ފަހުން ކަޝްމީރުގެ މިލްކުވެރިކަމާ މެދު އިންޑިއާ އާއި ޕާކިސްތާނުން ވެސް ދައުވާ ކުރެ އެވެ. ކަޝްމީރުގެ މައްސަލާގައި ދެ ގައުމުން މިހާތަނަށް ވަނީ ދެ ހަނގުރާމައެއް ކޮށްފަ އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ ޕާކިސްތާނުން ހިންގާ ޓެރަރިޒަމުގެ މައްސަލާގައި މިއީ އެ ގައުމު އެކަހެރިކުރަންވީ ވަގުތު ކަމަށް ވިދާޅުވެފަ އެވެ.

އދ.ގެ އާއްމު މަޖިލީހުގައި މިދިޔަ ހަފުތާގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވެސް ވަނީ ކަޝްމީރުގެ މައްސަލާގައި އިންޑިއާ އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ނަވާޒް ޝަރީފް ވިދާޅުވީ ޕާކިސްތާނުން ސުލްހަ ބޭނުންވާ ކަމަށާއި އެކަމަކު އެކަމަށް އޮތް ހުރަހަކީ އިންޑިއާ ކަމަށެވެ.

ނަވާޒް ޝަރީފް އަށް ރައްދު ދެއްވާ ސުވަރާޖް ވިދާޅުވީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް އިންޑިއާ އިން އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޮޑު ވަޒީރު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ނަވާޒް ޝަރީފް އަށް ދައުވަތު ދެއްވުމާއި އީދު ތަހުނިޔާ ފޮނުއްވުމާ އަދި ނަވާޒް ޝަރީފްގެ ހިތުގެ އޮޕަރޭޝަނާ ގުޅިގެން މޯދީ ހެޔޮ އެދުންތައް ފޮނުވުން ހިމެނޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"އެކަމަކު އޭގެ ބަދަލުގައި ލިބުނީ ކޮންއެއްޗެއް؟ ކަޝްމީރުގައި ޓެރަރިސްޓް ހަމަލާތައް ދިނުން،" ސުވަރާޖް ވިދާޅުވި އެވެ.

ސުވަރާޖް އިޝާރާތް ކުރައްވާފައި ވަނީ އުރީގައި ޓެރަރިސްޓް ހަމަލާދީ އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާ އަށެވެ. މިއީ ވޭތުވެދިޔަ 15 އަހަރު ދުވަހު ތެރޭ އިންޑިއާ ސިފައިންނަށް ލިބުނު އެންމެ ބޮޑު ސިހުމެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އުރީގައި ހަމަލާ ދިން މީހުންނަށް އަދަބު ނުލިބި ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.