ކޮންސިއުލޭޓް އަންދާލި މީހުންނަށް އަދަބު ދޭން އީރާނުން ގޮވާލައިފި

ބަޣުދާދު (ނޮވެމްބަރު 28) - އިރާގުގެ ނަޖަފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓުގައި އަލިފާން ޖެހި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ތެހެރާނުން ގޮވާލައިފި އެވެ.


އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އައްބާސް މޫސަވީ ވިދާޅުވީ ތެހެރާނުގެ ކަންބޮޑުވުންތައް މިހާރު ވަނީ އިރާގު ސަފީރަށް ހުށަހަޅާފައި ކަމަށެވެ.

އީރާން ކޮންސިއުލޭޓުގައި ރޭ އަލިފާން ޖެހީ އިރާގު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރޭންނެވެ. ކޮންސިއުލޭޓުގައި އަލިފާން ޖެހުމުގެ ކުރިން ސްޓާފުން ވަނީ އިމާރާތުން ފަހަތު ދޮރުތަކުން ނުކުމެފަ އެވެ. ހަމަނުޖެހުން ހިންގި މީހުން ވަނީ ކޮންސިއުލޭޓުގައި ހުރި އީރާނުގެ ދިދަ ބޭލުމަށް ފަހު އިރާގުގެ ދިދައެއް ނަގައިފަ އެވެ.

ކޮންސިއުލޭޓުގައި ހުޅުޖެހުން އިރާގު ސަރުކާރުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އިރާގުގައި ހަމަނުޖެހުންތައް ހިންގާތާ މިހާރު ދެމަސް ވެއްޖެ އެވެ.

އީރާން އާއި އިރާގުން ވަނީ 1980-1988 އަށް ހަނގުރާމައެއް ކޮށްފަ އެވެ.