ބަޣުދާދު (ޖެނުއަރީ 3) - އިރާގުގެ ވެރިރަށް ބަޣުދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އެމެރިކާ އިން ވައިގެ ހަމަލާދީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މިއަދު އަވަހާރަކޮށްލައިފި އެވެ.
ސަރަހައްދީ ސަލާމަތާ ބެހޭ އީރާނުގެ އެންމެ އިސް މޭސްތިރިޔާ އަވަހާރަކޮށްލިކަން ޕެންޓަގަނުން ވެސް މިހާރު ވަނީ ޔަގީންކޮށްދީފަ އެވެ. އަދި އޭނާ އަވަހާރަކޮށްލީ އީރާނުން ދޭން ރާވާ ހަމަލާތައް ހުއްޓުވުމަށްޓަކައި ކަމަށް ޕެންޓަގަނުން ބުނެފައިވެ އެވެ.
އިރާގުގެ އޮފިޝަލުންނާއި ރަސްމީ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ހަމަލާގައި ސުލައިމާނީގެ އިތުރުން އިރާގުގެ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ.
އެމެރިކާ އިން ހަމަލާދީ އީރާނުގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލާފައި މި ވަނީ އިރާގުގައި ހުންނަ އެމެރިކާ އެމްބަސީ އަށް ބަޔަކު ހަމަލާދީފައި ވަނިކޮށެވެ.
އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވެފައި ވަނީ މެދުއިރުމަތީގައި އެމެރިކާ މީހުންނަށް ދޭ ހަމަލާތައް ގަބޫލް ނުކުރެވޭނެ ކަމަށާއި އެމެރިކާ އެމްބަސީ އަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާން ކަމަށެވެ.
ގާސިމް ސުލައިމާނީ އަކީ ކާކު؟
ސުލައިމާނީ ގެންދަވަނީ 1998 ވަނަ އަހަރުން ފެށިގެން ގުދުސް ފޯސްގެ ކޮމާންޑަރުކަން ކުރައްވަމުންނެވެ. އީރާނުން ބޭރު ގައުމުތަކުގައި ހިންގާ އޮޕަރޭޝަންތަކާ ބެހޭ ކަންކަން ބަލަހައްޓާ ގުދުސް ފޯސް އިން ސީދާ ރިޕޯޓް ކުރަން ޖެހޭނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށެވެ. އީރާނުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ސުލައިމާނީ ވަނީ 80ގެ އަހަރުތަކުގައި ކުރި އީރާން-އިރާގު ހަނގުރާމައިގައި ވެސް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.
ސުލައިމާނީ އަކީ އިރާގުގައި ވެސް ވަރަށް ބާރުގަދަ ބޭފުޅެކެވެ. އިރާގު ސަރުކާރު އެކުލަވާލުމުގައި ސުލައިމާނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އެހެންވެ އޭނާ ވަރަށް ގިނަގިނައިން އިރާގަށް ވަޑައިގަންނަވަ އެވެ.
އީރާން ޕޯލް އިން 2018 ވަނަ އަހަރު ކުރި ސާވޭއަކުން ދެއްކި ގޮތުގައި ސުލައިމާނީ އަކީ، ރައީސް ހަސަން ރޫހާނީ އާއި ޚާރިޖީ ވަޒީރު ޖަވާދު ޒަރީފަށް ވުރެ ވެސް އީރާނުގައި މަގްބޫލް ބޭފުޅެކެވެ.