ޗައިނާ އިން ފެނުނު ވައިރަސް އެތައް ބަޔަކަށް ޖެހިފައިވާ ކަމަށް ބެލެވޭ

ބެއިޖިން (ޖެނުއަރީ 18) - ޗައިނާ އިން ފެނުނު ވައިރަސް ކުރިން ހީކުރި ވަރަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާނެ ކަމަށް ސައެންސްވެރިން ބުނެފި އެވެ.


ޗައިނާ އިން ފެނުނު ވައިރަސް 45 މީހުންނަށް ޖެހިފައިވާ ކަމަށް ލެބޯޓްރީ ޓެސްޓްތަކުން ދައްކަ އެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ތަޖްރިބާކާރުން ބުނަނީ އެ ވައިރަސް 1،700 ވަރަކަށް މީހުންނަށް ޖެހިފައިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ވުހާން ސިޓީން ފެނުނު ވައިރަސް ޖެހިގެން މިހާތަނަށް ވަނީ ދެ މީހުން މަރުވެފަ އެވެ. ވުހާން އިން ވައިރަސް ފެނުނު ނަމަވެސް ތައިލެންޑާއި ޖަޕާނުން ވަނީ އެ ވައިރަސް ޖެހިފައިވާ ދެ މީހަކު ފެނިފަ އެވެ.

ޗައިނާގައި ފެތުރެމުންދާ ވައިރަހާއި ގުޅިގެން ވުހާން އިން އަންނަ ޕަސިންޖަރުން ސްކްރީން ކުރަން ސިންގަޕޫރާއި ހޮން ކޮންގެ އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ، ލޮސް އެންޖަލިސް އަދި ނިއު ޔޯކުގެ އެއާޕޯޓްތަކުގައި ވެސް ވަނީ އިއްޔެ އިން ފެށިގެން ސްކްރީން ކުރަން ފަށައިފަ އެވެ.

ވުހާން އިންޓަނޭޝަނަލް އެއާޕޯޓުން އަހަރަކު 19 މިލިއަން މީހުންނަށް ޚިދުމަތް ދެ އެވެ. ނަމަވެސް އިންޓަނޭޝަނަލް ދަތުރުތައް ކުރަނީ ދުވާލަކު 3،400 މީހުންނެވެ.

ޗައިނާގެ މެދުތެރޭގެ ހިސާބުތަކުގައި ފެތުރެމުންދާ ވައިރަލް ހުމަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ނޫން ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ވުހާން މުނިސިޕަލް ހެލްތު ކޮމިޝަނުން ބުނީ އެ ސިޓީގައި ފެތުރެމުން ދަނީ ކޮން ބާވަތެއްގެ ރޯގާއެއްތޯ ބަލަން ތަހުލީލުތައް ކުރަމުންދާ ކަމަށެވެ. ކޮމިޝަނުން ކުރިން ބުނެފައި ވަނީ އެ ބަލި އިންސާނުން ގައިންގަޔަން ނުޖެހޭ ކަމަށެވެ. އަދި ބަލި ޖެހިފައި ވަނީ ސިޓީގެ ސީފުޑް މާކެޓުގައި މަސައްކަތް ކުރި މީހުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ސާސް ރޯގާ 2002-2003 ވަނަ އަހަރު ފެތުރެން ފުރަތަަމަ ފެށީ ޗައިނާގަ އެވެ. އެ ރޯގާގައި އެ ފަހަރު ވަނީ މުޅި ދުނިޔޭން 700 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.