ބެއިޖިން (ޖެނުއަރީ 20) - ޗައިނާގައި ފެތުރެމުންދާ ރޯގާގެ ވައިރަސް ދެ ދުވަސްތެރޭ އަލަށް 139 މީހުންނަށް ޖެހިފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
ބަލީގެ ވައިރަސް އަލަށް ފެނިފައި ވަނީ ވުހާން ސިޓީގެ އިތުރުން ބެއިޖިން އަދި ޝެންޒެން އިންނެވެ. ޗައިނާގައި ފެތުރޭ ރޯގާގެ ވައިރަސް ޖެހުނު މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. މިހާތަނަށް ވަނީ ތިން މީހުން މަރުވެފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައި ވަނީ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދަނީ ބައްޔަށް "ޓެސްޓް ކުރުން" އިތުރުވުމުން ކަމަށެވެ. ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޑިސެމްބަރު މަހު ވުހާން އިންނެވެ. ބަލިޖެހިފައިވާ ދެ މީހަކު ވަނީ ޖަޕާނާއި ތައިލެންޑުން ވެސް ފެނިފަ އެވެ.
އާދިއްތަ ދުވަހާ ހަމައަށް ވުހާންގައި ވަނީ 170 މީހުން ފަރުވާ ހޯދައިފަ އެވެ. އޭގެ ތެރޭން ނުވަ މީހެއްގެ ހާލު ސީރިއަސް އެވެ. ބެއިޖިންގެ ޑަކްސިން ޑިސްޓްރިކްޓުގެ ހެލްތު އޮފިޝަލުން ވިދާޅުވީ ބަލި ޖެހިފައި ވަނީ ވުހާން ސިޓީ އަށް ދަތުރުކުރި ދެ މީހުންނަށް ކަމަށެވެ. ޝެންޒެންގައި ވެސް ބަލި ޖެހުނު 66 އަހަރު މީހާ އަކީ ވުހާންގައި ތިބޭ އޭނާގެ އާއިލާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރި މީހެއް ކަމަށެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައި ވަނީ އެ ގައުމުގައި ފެތުރެމުންދާ ވައިރަސް އަކީ އެއިން ސަލާމަތް ވެވޭނެ އަދި ކޮންޓްރޯލް ކުރެވޭނެ ބައްޔެއް ކަމަށެވެ.
ޗައިނާގައި ފެތުރެމުންދާ ވައިރަހާއި ގުޅިގެން ވުހާން އިން އަންނަ ޕަސިންޖަރުން ސްކްރީން ކުރަން ސިންގަޕޫރާއި ހޮން ކޮންގެ އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ، ލޮސް އެންޖަލިސް އަދި ނިއު ޔޯކުގެ އެއާޕޯޓްތަކުގައި ވެސް ވަނީ ހުކުރު ދުވަހުން ފެށިގެން ސްކްރީން ކުރަން ފަށައިފަ އެވެ.
ޗައިނާގެ މެދުތެރޭގެ ހިސާބުތަކުގައި ފެތުރެމުންދާ ވައިރަލް ހުމަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ނޫން ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ކުރިން ވަނީ ބުނެފަ އެވެ.
ސާސް ރޯގާ 2002-2003 ވަނަ އަހަރު ފެތުރެން ފުރަތަަމަ ފެށީ ޗައިނާގަ އެވެ. އެ ރޯގާގައި އެ ފަހަރު ވަނީ މުޅި ދުނިޔޭން 700 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.