ވޫހާން (ޖެނުއަރީ 29) - ޗައިނާގައި 2003 ވަނަ އަހަރު ފެތުރު ނުރައްކާތެރި ރޯގާ، ސާސް ޖެހުނު މީހުންނަށް ވުރެ މިހާރު ފެތުރެމުންދާ ވޫހާން ވައިރަސް ޖެހުނު މީހުން އިތުރުވެއްޖެ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފި އެވެ.
އަންގާރަ ދުވަހު އެކަނި ވެސް އަލަށް 1،400 އަށް ވުރެ ގިނަ މީހުންނަށް ވޫހާން ކޮރޯނާވައިރަސް ޖެހުނު ކަމަށް ހެލްތު ކޮމިޝަނުން ވަނީ ބުނެފަ އެވެ. ބުދަ ދުވަހާ ހަމައަށް ވަނީ 132 މީހުން މަރުވެފަ އެވެ. އަދި ވޫހާން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 5،974 އަށް އަރައިފަ އެވެ. ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފެތުރުނު އިރު އެ ރޯގާއި ޗައިނާގައި ޖެހިފައި ވަނީ 5،327 މީހުންނަށެވެ.
ސާސް ރޯގާގައި މުޅި ދުނިޔެ އިން ވަނީ 770 މީހުން މަރުވެފަ އެވެ. ޗައިނާ އިން އެކަނި ވަނީ 349 މީހުން މަރުވެފަ އެވެ.
ބައެއް ތަޖްރިބާކާރުން ބުނަނީ ސާސް ރޯގާ ފެތުރުނު ދުވަސްވަރަށް ވުރެ ޗައިނާ އިން މި ފަހަރު ވަނީ ކަންކަން ސިއްރު ކުރުމުގެ ބަދަލުގައި މާބޮޑަށް ހުޅުވި އަދި ފިޔަވަޅު އެޅުމުގައި ވެސް މި ފަހަރު މާ އަވަހަށް ހަރަކާތްތެރިވެފަ އެވެ. ވައިރަސް ފެތުރުނު ވޫހާން ސިޓީ ހިމެނޭ ހުބެއި ޕްރޮވިންސްގެ ގިނަ ސިޓީތަކެއް ޗައިނާ އިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަރަންޓީނު ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ޗައިނީޒް އާ އަހަރު ފެށިގެން ދިޔަ އިރު ވެސް ގާތްގަނޑަކަށް 56 މިލިއަން މީހުން ތިބެން ޖެހުނީ "ރަށު ބަންދު"ގަ އެވެ.
ޗައިނާ ފިޔަވައި ވޫހާން ވައިރަސް ވަނީ 15 ގައުމަކުން މިހާތަނަށް ފެނިފަ އެވެ. ނަމަވެސް ޗައިނާ އިން ބޭރުން އެ ބަލީގައި އަދި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.
ވޫހާންގައި ތިބި ޖަޕާނާއި އެމެރިކާގެ ރައްޔިތުން ޗާޓަރު ފްލައިޓްތަކުގައި އެ ސިޓީން ގެންދިއުމުގެ މަސައްކަތް އެ ދެ ގައުމުން މިއަދު ވަނީ ފަށައިފަ އެވެ.