ކޮވިޑް-19: ކްރޫޒް ލައިނާގެ ޕަސިންޖަރުންނަށް 2،000 އައިފޯން

ޔޮކަހާމާ (ފެބްރުއަރީ 17) - ކޮރޯނާވައިރަހުގެ ބަލި މީހުން ފެނިގެން ޖަޕާނުގެ ޔޮކަހާމާ ބަނދަރުގައި ކަރަންޓީންކޮށްފައި އޮތް ޑައިމަންޑް ޕްރިންސަސް ކްރޫޒް ލައިނާގެ ކޮންމެ ކެބިންއަކަށް ޖަޕާން ސަރުކާރުން އައިފޯން ހަދިޔާ ކޮށްފި އެވެ.


ކްރޫޒް ލައިނާ އަށް 2،000 އައިފޯން ހަދިޔާ ކުރީ ޖަޕާނުގެ ހެލްތު އެންޑް ވެލްފެއާ މިނިސްޓްރީ އާއި ޖަޕާނުގެ ޓެލެކޮމް ކުންފުނި ސޮފްޓްބޭންކް ގުޅިގެންނެވެ. ފޯނުތައް ހަދިޔާކޮށްފައި ވަނީ ޚާއްސަ އެޕެއް ޑައުންލޯޑް ކުރުމަށް ފަހު އެވެ. މި އެޕް މެދުވެރިކޮށް ޑޮކްޓަރުންނާއި ވާހަކަ ދެއްކޭނެ އެވެ. އަދި ބޭހަށް ރިކްއެސްޓް ކުރުމާއި ސިއްހީ އޮފިޝަލުންގެ ފަރާތުން މައުލޫމާތު ލިބޭނެ އެވެ. ޖަޕާން ފިޔަވައި އެހެން ގައުމުތަކުން އެޕް ސްޓޯރަށް ރަޖިސްޓްރީކޮށްފައިވާ ފޯނުތަކަށް ޖަޕާނުގެ ހެލްތު އެޕް ޑައުންލޯޑެއް ނުކުރެވެ އެވެ.

ޑައިމަންޑް ޕްރިންސަސް ޖަޕާނުގެ ޔޮކަހާމާގެ ބަނދަރުގައި. --ފޮޓޯ:އޭއެފްޕީ

ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހުން ފެންނަން ފެށުމުން މި މަހު 3 ވަނަ ދުވަހުން ފެށިގެން، 3،700 މީހުން ތިބި ކްރޫޒް ލައިނާ ވަނީ ކަރަންޓީންކޮށްފަ އެވެ. ކްރޫޒް ލައިނާ ކަރަންޓީން ކުރީ އެ ބޯޓުން ފޭބި ހޮން ކޮންގް މީހަކު ވައިރަހަށް ޕޮޒިޓިވްވުމުންނެވެ. ޗައިނާ އިން ބޭރުން، ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުން ތިބީ ވެސް އެ ކްރޫޒް ލައިނާގަ އެވެ. އިއްޔެ އެކަނި ވެސް ވަނީ ކްރޫޒް ލައިނާގެ 70 މީހަކު ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ކްރޫޒް ލައިނާގެ 355 މީހަކަށް ވައިރަސް ވަނީ އަރައިފަ އެވެ.

ޗައިނާގައި ކޮރޯނާވައިރަހުގައި މިހާތަނަށް ވަނީ 1،770 މީހުން މަރުވެފަ އެވެ. ވައިރަސް އެރި މީހުންގެ އަދަދު ވަނީ 70،500 އަށް އަރައިފަ އެވެ.